މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންނަށް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ވަޒީފާ ދޭނެކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ އަތުން ފޭރިގަންނަ ކޮންމެ ވަޒީފާއެއް އެމްޑީޕީގެ ވެރިކަމެއްގައި އަނބުރާ އިއާދަކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ވަޒީފާއިން މީހުން ވަކިކުރުމަކީ ސަރުކާރާ ދެކޮޅު އާއިލާތައް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. ރައްޔިތުން ބިކަކޮށް، ހާލުގައި ޖެއްސުމުން ސަރުކާރަށް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ ކަމަށާއި، ވަޒީފާތަކުން މުވައްޒަފުން ވަކިކުރަން ފެށުމަކީ މި ސަރުކާރު ބޮޑުތަނުން ބަލިވެ، މާޔޫސްވެފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"މިއަދު މިއޮތް ސަރުކާރަށް އަޅުގަނޑު ދަންނަވާލަން އޮތީ، ވަޒީފާއިން ތިޔަ ވަކިކުރައްވާ ކޮންމެ އާއިލާއަކުން، ކޮންމެ މީހެއް ނިސްބަތްވާ އާއިލާއަކުން ތިޔަ އުފައްދަވަނީ މިއަދުގެ ސަރުކާރާ އިދިކޮޅު އާއިލާތަކެކޭ. މިއަދުގެ ސަރުކާރަށް ނުރުހުމާއި ހިތްހަމަނުޖެހުމާއި، އެ ރައްޔިތުންގެ މެދުގައި ރައްޔިތުން ބިކަކުރީމަ ރައްޔިތުންގެ ލޯތްބެއް ނުލިބޭނެއޭ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ ދިފާއުގައި އެމްޑީޕީން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.