އެމްޑީޕީން ގެންގުޅޭ ސިޔާސަތުތަކަކީ ރާއްޖެއަށް ގެއްލުމާއި ހަލާކު ގެނުވި "ފަނާކުރަނިވި" ފިކުރެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތަކާއި މި ސަރުކާރުގެ ފިކުރު ކިޔައިދެއްވައިފައެވެ.
އެގޮތުން ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގާނޫނުއަސާސީއާ ހިލާފަށް ދޫކޮށްލާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް ގާނޫނީ ހަމަތަކުގެ މަތިން ފަށާފައިވާ ކަމަށެވެ. އަދި ހާރިޖީ ސިޔާސަތުގައި ވަކި ގައުމަކަށް ބުރަވުމުގެ ބަދަލުގައި، "ދިވެހިން އިސްކުރުން" ނުވަތަ "މޯލްޑިވްސް ފަސްޓް" ސިޔާސަތު މި ސަރުކާރުން ތަންފީޒު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުގައި އިސްލާމީ އަގީދާއަށް ފުރައްސާރަކުރި މީހުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަދީ ހެދި ނަމަވެސް، މި ސަރުކާރުގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަސްރުދިނުން ކަމަށެވެ. ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އެ ސްކޫލްގެ ކުދިންނާއި ބެލެނިވެރިން "ރެފިއުޖީން" ތަކަކަށް ހެދި ނަމަވެސް، މި ސަރުކާރުން ދަނީ ދާއިމީ ބޮޑު ބިމެއްގައި އާ އިމާރާތެއް ބިނާކުރަމުން ކަމަށެވެ. އަދި އަންނަ ދިރާސީ އަހަރު އެ ސްކޫލްގައި ކިޔަވައިދޭން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޒުވާނުން ޑްރަގާއި ވޭޕްގެ ވަބާއިން ސަލާމަތްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންނާއި ސިފައިންގެ މުއައްސަސާއަކީ ގައުމުގެ ފަހުރުގެ ގޮތުގައި ބިނާކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަދު ރައްޔިތުންގެ ކުރިމަތީގައި އޮތީ ކާމިޔާބީގެ މަގު ނުވަތަ ގެއްލުމާއި ހަލާކުގެ މަގު އިހުތިޔާރު ކުރުމުގެ ފުރުސަތެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް