އެމްޑީޕީގެ ހިންގުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ ގުނަވަނަކީ ގައުމީ މަޖިލިސް ކަމަށާއި، އެކަމަކު އެ ތަނުގައި ރަށްރަށް ނުވަތަ އަތޮޅުތަކުގެ ކައުންސިލަރުންގެ އެއްވެސް ދައުރެއް ނެތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި އެމްޑީޕީގެ އަސާސީ ގަވައިދަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ގިނަ އިސްލާހުތަކަށް ތާއީދު ކުރައްވައި ބައެއް އިސްލާހުތަކާ މެދު މަޝްވަރާކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވައިދު އެންމެ ފުރަތަމަ އެކުލަވައިލިއިރުވެސް ކައުންސިލްތަކުގެ ދައުރު މާ ބޮޑަށް ނެތް ކަމަށެވެ. އަސާސީ ގަވައިދަށް އަލަށް ހުށަހެޅި އިސްލާހުތަކުގައިވެސް ކައުންސިލަރުންގެ ހިއްސާ ގައުމީ މަޖިލީހުގައި ނެތް ކަމަށް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގަން އެމްޑީޕީން މި ކުރާ މަސައްކަތަށް ބަލާއިރު ކައުންސިލަރުންގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން ވަރަށް ބޮޑުކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގައި ކައުންސިލަރުން ބައިވެރިކުރަން ރައީސް ހުށަހެޅުއްވި ހިޔާލަށް ރައީސް މުހައްމަދު ނަޝީދުވެސް ތާއީދުކުރެއްވިއެވެ. ނަޝީދުވެސް ވަނީ ކައުންސިލަރުން ގައުމީ މަޖިލީހުގައި ތިބުމަކީ ބޭނުންތެރިކަމެއް ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހަޅާފައިވާ އެއް އިސްލާހުގައިވާ ގޮތުން، ޕާޓީގެ ކޮންގްރެސްގައި ބައިވެރިވާނީ ކޮންމެ ދާއިރާއެއް ނުވަތަ ރަށެއްގައި ތިބި މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ވަކި ބައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު