ބަރުލަމާނީއަށް އެމްޑީޕީން ކުރީން ތާއީދުކުރީ މައުމޫނާ ވާދަކޮށް ޕާޓީއަށް އޮތް ތާއީދު ދެނެގަތުމަށް ކަމަށާއި އެއީ އެ ނިޒާމަށް ތާއީދުކުރާތީ ކުރި ކަމެއް ނޫން ކަމަށް އެ ޕާޓީގެ ކުރީގެ ޗެެއާޕާސަން އަދި، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ބަދަލުވާ ޕާޓީއެއް ކަމަށާއި އަނިޔާ އާއި ދެކޮޅަށް މަސައްްކަތް ކުރާ ޕާޓީއެއް ކަމަށް ވިދާޅުވާއިރު އެމްޑީޕީން ގެނައި ޑިމޮކްރަސީ އިން ދަސްކޮށްގެން ބޮޑެތިވި ޒުވާނުން ޕާޓީގައި އެބަތިބި ކަމަށާއި ނަމަވެސް ޕާޓީއަށް 17 އަހަރު ވެެގެން ދިޔަ އިތު ބަދަލުނުވާ ކަމަކީ ރައީސް ނަޝީދު ކަމަށެވެ. އަދި އެމަގާމުން ރައީސް ނަޝީދު ދުރުވެ ވަޑައިނުގަންނަވަނީ ކީއްވެތޯ ސުވާލުކުރައްވަމުން މޫސަ ވިދާޅުވީ 30 އަހަރުގެ އަނިޔާގެ ވާހަކަ ދައްކަވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިނޭ ކުރެއްވި ކަމަށް ތުހުމަތުކުރައްވައި ނަޝީދު ދެއްކެވި ވާހަކައަކީ ޖަލުގެ ކުޑަގޮޅިއަކަށް ލުމަށްވުރެ ބޮޑު އަނިޔާއެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިފެންނަނީ މި ރާއްޖޭގައި ދެ ދައުރު ވެރިކަން ކޮށްފަވެސް އަދި ވެރިކަން ނުކުރެވުނީމަވެސް ދެން މިދާ ސިޔާސީ ކޮންމެ މީހަކުވެސް ނިމޭއިރަށް ހުންނަނީ އަނެއްކާ އަނެއް ދައުރަށް ތެޔޮލައިގެން ތައްޔާރުވެގެން ދޯންޏެއްހެން ފައިބަން ތައްޔާރުވެގެން" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަކީ އެމްޑީޕީން އެއްވެސް އިރެއްގައި ބޭނުންވި ކަމެއް ނޫން ކަމަށާއި ކުރިން ނެގި ނިޒާމީ ވޯޓުގައިވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރީ ރައީސް މައުމޫނާ ދެކޮޅަށް ނުކުމެ ދިވެހިންގެ ތާއީދު އެމްޑީޕީއަށް އޮތް މިންވަރު ބެލުމަށް ކަމަށެވެ. އަދި އެކަމުގެ ހަގީގަތް މިހާރުވެސް އެމްޑީޕީ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ކަން ހިނގައި ދިޔަގޮތްވެސް ހަދާން ހުންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑަކާ ނުކެރޭނެ ޗެލެންޖުކުރާކަށް، އެހެންވެގެން އަޅުގަނޑު ބޭރުވާން ޖެހުނީ. އަޅުގަނޑު ނަމަ ލާހިކެއް ނޫން ތިޔަ ވޯޓަށްވެސް އަހާކަށް އެތާ އެތެރޭގަ" މޫސަ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން މޫސަ އިތުރަށް ވިދާޅުވީ ނިޒާމު ބަދަލުކުރުމަށް ނަޝީދު ބޭނުންފުޅުވެވަޑައިގަންނަވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަށް ނަޝީދު ގަބޫލުފުޅު ނުވާތީ ކަމަށް އޭނާ އަށް ބެލެވޭ ކަމަށެެވެ. އަދި އެކަމުގައި ކޮންގްރެސް އިން ގޮތް ނިންމާނެ ކަމަށާއި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބިއްޖެ ނަމަ ނަޝީދު އެމަނިކުފާނުގެ ފަހަތްޕުޅަށް އަރައިވަޑައިނުގެންފި ނަމަ ވަގުތުން ޕާޓީން ވަކި ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު