މި ސަރުކާރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ތަހުގީގު މަޑުޖައްސާލައި އެ ހިޔާނާތުގެ މުއާމަލާތްތައް ސިއްރުކުރާ ސަބަބު ހާމަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް ހަވާލުކުރުމަށް ކާނިވަލުގައި މިރޭ ބޭއްވި "ހަވާލޭވަތަން" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ކަންކަން ސިއްރުކުރާ ސަބަބު ހޯދަން ޖެހޭ ކަމަށާއި އެ ހަގީގަތް ހާމަނުވާނެ ކަމަށް ސަރުކާރަށް ހީވިޔަސް އެއީ ކުށްހީއެއް ކަމަށެވެ. ޔާމީން ވިދާޅުވީ އެ ހިޔާނާތުގެ މައްސަލަ ސަރުކާރުން ސިއްރުކުރަނީ އެކަމުގެ މޭސްތިރިން ހިމާޔަތްކުރަން ކަމަށެވެ.
"ދިވެހިރާއްޖޭގައި މިވަރުގެ ކަމެއް ހިނގައިފިއްޔާ ބުއްދި ގޯސް މީހަކު ނޫނިއްޔާ ގަބޫލެއްނުކުރާނެ މިއީ ދާއިމަށް ސިއްރުވާނެ ބޮޑު ފޮށްޓަށް ލެވިފައި ތަޅުލާފައި އަމާނާތެއްކަމަށް. މީގެ ހަގީގަތް ނުކުންނާނެ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ އަދަދު 700 މިލިއަން ރުފިޔާއިން މައްޗަށް އަރާއިރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވަނީ އެއް މިލިއަން ޑޮލަރު ކަމަށެވެ. އެއް މިލިއަން ޑޮލަރަކީ މުޅި ހިޔާނާތުގެ އަދަދަށް ބަލާއިރު ކުޑަ އެއްޗެއް ކަމަށާއި އެހެންކަމުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ހަގީގީ މަންފާވި މީހުން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.
ސަރުކާރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު ސިއްރުކޮށްގެން އުޅެނީ ކޮން ބޭފުޅުންގެ ނަންތަކެއް ހުރެގެންތޯ ވެސް ޔާމީން ސުވާލު އުފެއްދެވިއެވެ.
"މީގަ ކޮން ވާހަކައެއް ދެއްކިޔަ ނުދޭންބާ މިކަން މި ހާމަނުވެގެން މިއުޅެނީ. މި ފައިސާ ބެހިގެން މިއުޅެނީ ކޮންފަދަ ބޮޑުންގެ ކޮން ބަޔަކަށް ފައިސާ ބެހިގެންތޯ މިއުޅެނީ. ހަމަ ޔަގީނުން ވެސް އެނގޭ އެއްޗަކީ ކުދިކުދި އާދައިގެ މީހުންނަށް ފައިސާ ބެހިގެން އުޅޭކަމަށްވަންޏާ އާދައިގެ މީހުން ގަން ހިންގާކަށް ސަރުކާރުން ފަހަކަށް ނުޖެހޭނެ. އެހެންވީމާ ކޮބާތޯ މީގަ ސިއްރަކީ؟،" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު