މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެގޮތަށް ވިދާޅުވެފައި މިވަނީ ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ސިޓީ ފޮނުއްވާފައިވާތީއެވެ.
އެ ސިޓީގައި އާޒިމް ވިދާޅުވީ، އެމްޑީޕީގެ ގޮފިތައް ހިންގާ ކޮމިޓީ އެކުލަވާލަން ޖެހޭނީ ގޮފިތަކުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށްފަހު ކަމަށާއި އަދި ކޮންގްރެސްގައި ގޮފިތައް ތަމްސީލުކުރާ ރައީސް ނުވަތަ ނައިބު ރައީސް ވާންޖެހޭނީ އިންތިހާބުކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި ވިދާޅުވީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފިތަކުގެ ގަވާއިދާ އެއްގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ކޮންގްރެސްގައި އެ ފަރާތްތަކުން ބައިވެރިވެއްޖެ ނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭނެ ކަމަށާއި އެހެންކަމުން ކޮންގްރެސް ފަސްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު ހަވީރު ކޮންގްރެސްއަށް ރަށްރަށުން އައި މަންދޫބުންނާ މަރުހަބާ ކިޔުމަށްފަހު ފައްޔާޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮންގްރެސް ބޭއްވުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. ނަމަވެސް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ހުށަހެޅިފައި އެބަހުރި މައްސަލަތަކެއް. އެ މައްސަލަތައް އަޅުގަނޑުމެން މިދަނީ ބަލަމުން. އެ ބަލާފައި އަޅުގަނޑުމެންނަކީ ތަހުގީގު ކުރާ ބައެއް ނޫން. ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން. ދެން ކޮންގްރެސް ލަސްކުރަން ޖެހޭ އެއްވެސް ކަހަލަ ސަބަބެއް ނެތް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ކޮންގްރެސް ފަސް ކުރުމުގެ ބާރަކީ ޗެއާޕާސަނަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށާއި އެ ބާރު ލިބިދީފައިވަނީ ގައުމީ މަޖިލީހަށް ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް އާޒިމް އެދިވަޑައިގެންނެވި އިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮފިތަކުގެ މަންދޫބުން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތައް ރޭ ހިއްސާކުރައްވައިފައެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލަން ކުރައްވާ މަސައްކަތުގެ ފެށުން އޮތީ އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ގައުމީ ކޮންގްރެސްއިން ކަމަށާއި އެހެންވެ އެކަން ހުއްޓުވުމަށް ކޮންގްރެސްއަށް މަންދޫބުން ކަނޑައެޅުމުގައި ޕާޓީގެ ގޮފިތައް މަސްހުނި ކުރަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ، ވަކި ކަމެއް ހާސިލުކުރަން ގޮފިތައް މަސްހުނިކޮށް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. ނަޝީދުގެ އެ ހުށަހެޅުއްވުމަށް ރައީސް ސޯލިހު ވެސް ދަނީ ދެކޮޅު ހައްދަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު