މެންޗެސްޓާ ޔުނައިޓެޑުން އެޓީމުގެ މިޑްފީލްޑް ވަރުގަދަ ކުރުމަށް ގެންދަން އުޅުނު ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރެބިއޯގެ ޑީލްވެސް ނާކާމިޔާބު ވެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ޔުނައިޓެޑުން ދަށްކޮށް ސީޒަން ފަށާފައިވާ އިރު، އެޓީމުން އަދިވެސް ދަނީ ޓްރާންސްފާ މާކެޓުގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ޔުނައިޓެޑުގެ ކޯޗުކަމާ އަލަށް ހަވާލުވި ކޯޗު އެރިކް ޓެން ހާގު ކްލަބާ ހަވާލުވެ ފުރަތަމަ މަސައްކަތް ކުރީ ބާސެލޯނާގެ މިޑްފީލްޑަރު ފްރޭންކް ޑި ޔޯންގް ހޯދުމަށް ނަމަވެސް، މިހާރު ބެލެވިފައި އޮތީ އޭނާ ނުލިބޭނެ ކަމަށެވެ.

އެހެންކަމުން ޔުނައިޓެޑުން މިދިޔަ ހަފުތާ ތެރޭގައި މަސައްކަތް ކުރީ ފްރާންސް މިޑްފީލްޑަރު ރެބިއޯ ހޯދުމަށެވެ. އުމުރުން 27 އަހަރުގެ ރެބިއޯ ހޯދުމަށް ޔުނައިޓެޑުން ކުރި މަސައްކަތުގައި ޔުވެންޓަސްއާއެކު އަގަކަށް އެއްބަސްވި ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ. އަދި ޔުވެންޓަސްއިން ޔުނައިޓެޑްގެ 20 މިލިއަން ޑޮލަރުގެ އަގެއް ބަލައިގަތް ކަމަށް ބީބީސީންވެސް ބުނެފައިވެއެވެ.

ދެ ކްލަބު ދެމެދުގައި އެއްބަސްވުމަކަށް އައި ނަމަވެސް، ނޫސްތަކުން ބުނީ ޔުނައިޓެޑުން ރެބިއޯގެ ފަރާތުން އެޖެންޓް ހުށަހެޅި މުސާރައަށް އެ އެއްބަސްވާން ބޭނުން ނުވި ކަމަށެވެ. ރަބިއޯގެ އޭޖެންޓް، އޭނާގެ މަންމަ ވެރޯނިކް ބޭނުންވަނީ ހަފުތާ އަކު ދެލައްކަ ޑޮލަރު ލިބޭ ގޮތަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެކެވެ.

ޔުނައިޓެޑުން ހުށަހަޅަން ތައްޔާރުވީ އެއްލައްކަ ފަންސަވީސް ހާސް ޑޮލަރާއި އެއްލައްކަ ފަންސާސް ހާސް ޑޮލަރު ލިބޭ ގޮތަށް ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. އަދި އެ އެއްބަސްވުމުގައި ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ރަބިއޯ މަޑުކުރެވޭ ގޮތަށް މާއްދާއެއް ކޮންޓްރެކްޓުގައި ހިމެނުމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅުގައި ޔުނައިޓެޑަށް މިޑްފީލްޑަރެއް ހޯދުމަށް މިހާރު އަނެއްކާވެސް ދަނީ ބޯޑުން ވާހަކަދައްކަމުންނެވެ. ދެން ޔުނައިޓެޑުން ޓާގެޓް ޖަހާނެ މިޑްފީލްޑަރެއް އަދި އެނގިފައެއް ނުވެއެވެ.