މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ، ޑްރަގް ޓްރެފިކިންގެ ކުށުގެ ދައުވާ ކޮށްފައިވާ ފިލްމީ ތަރި ހުނޭސާ އާދަމް (ހުނޫ) ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
ހުނޫ ދޫކޮށްލަން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަމުރުކުރީ، އޭނާ ދިރިއުޅެމުންދިޔަ ގެއިން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނާއި އެ ގެއިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އެހެން ފަރާތަކުން ނެގުމުންނެވެ.
އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިމަހުގެ މަހުގެ ދެ ވަނަ ދުވަހުއެވެ. އިސްތިއުނާފީ ނުކުތާގެ ގޮތުގައި ދައުލަތުން ވަނީ ދެ ނުކުތާއެއް ހައި ކޯޓަށް ހުށަހަޅައިފައެވެ. ފުރަތަމަ ނުކުތާގައި ދައުލަތުން ބުނެފައިވަނީ، ހުނޫ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާހިލާފަށް ކަމަށެވެ.
ހުނޫގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތި ޓްރެފިކްކުރިކަމުގެ ކުށް ކަމަށާއި އެއީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކުށެއް ކަމުން ހުނޫ ހުންނަންވާނީ މުޖުތަމައުގެ ސަލާމަތާއި ނުރައްކާ ނުފޯރާ ފަދަ ތަނެއްގައި ކަމަށާއި އަދި އޭނާއާ ދެކޮޅަށް ފުލުހުން ހެކި ގަރީނާ ހޯދާފައިވާ ކަމަށެވެ.
އެހެންވެ ދައުލަތުގެ ފަރާތުން އެދިފައިވަނީ، ހުނޫ ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށެވެ.
ހުނޫގެ ފަރާތުން ހައި ކޯޓުގައި ބުނެފައި ވަނީ، ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރީ ރަނގަޅަށް ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ކުށުގެ ހާދިސާއާ ގުޅޭ އެއްވެސް ހަރުދަނާ ހެއްކެއް، ގަރީނާއެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް ވަނީ އެދިފައެވެ.
ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށް ހައި ކޯޓުން ހުކުމްކުރީ ހުނޫ ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ގޯސް ކަމަށެވެ.
ހައިކޯޓްގެ ހުކުމުގައި ވަނީ ހައި ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ކުށާއި ކުށުގެ ވެއްޓާއި ހޫނޫ ގުޅުމެއް އޮތް ކަމަށް ބެލެވިދާނެ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ހުނޫ ހުރި ތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރާ މެޝިނާއި ބަންދުކުރާ ކޮތަޅުތައް ފެނުނު ކަމަށެވެ.
"ބުނެވުނު ކަންތައްތަކަށް ރިއާޔަތްކުރުމުން، ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވުމުގެ އިތުރުން ކުށް ކުރެވުނީ ގިނަ ބަޔަކު ބައިވެރިވެގެން ކަމުގައި ބެލެވޭތީ އާއި ތަނުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ބަރުދަނަށާއި ތަނުގައި ހުރި ތަކެއްޗަށް ބަލާއިރު، ފުޅާ ދާއިރާއެއްގައި ކުރެވޭ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން މިހާލަތުގައި އިސްތިއުނާފު ރައްދުވާ ފަރާތް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމަށް ބުރަވެ،" ހުކުމުގައިވެއެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.
އެ މައްސަލައިގައި ދައުލަތުން ހައި ކޯޓުގައި އެދުނީ ހުނޫ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް ހައި ކޯޓުން އެފަދަ އަމުރެއް ނުރެއެއް ނުދިނެވެ. ނަމަވެސް ހުނޫ ބަންދުކޮށްފައި ބަހައްޓަން ބޭނުންނަމަ ކުރިމިނަލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.
މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސެއިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރްހީޒާ އަދި ފަނޑިޔާރު ހުޒެއިފާ މުހައްމަދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.
ޚަބަރު
ޚަބަރު