އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ގާތިލުންނަށް ހައްގު އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ޝިއާ މަރާލާފައިވަނީ އެންމެންނަށް ސިހުން ލިބޭ މިންވަރަށް ކަމަށާއި އެ އަނިޔާވެރި އަމަލު ކުށްވެރިކުރައްވާ ކަމަށެވެ. އަދި ޝިއާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި މީހެއްގެ އިއުތިރާފުގެ ބަޔާނަށް ބުރަނުވެ ތަހުގީގުކުރުމަށް ވެސް ވަނީ ގޮވާލައްވައިފައެވެ.
"އިތުރު މީހެއްގެ އިއުތިރާފު ބަޔާނަށް ބުރަނުވެ ރަނގަޅު ތަހުގީގެއްކޮށް، މިކަން ކުރި މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ޝިއާ މަރާލާފައި އޮއްވައި ފެނުނު އެޕާޓްމަންޓުގެ ތެރެއިން ރޭ ހައްޔަރުކޮށްފައިވަނީ އަލީ ޝާހިލް، 23، އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ޝިއާގެ މަރުގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާ މަރާލައިފައި އޮތީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށާއި ސީންގެ ތެރެއިން ހައްޔަރުކުރި ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެ އެޕާޓުމަންޓުތަކުގެ ތެރެއިން އެ ހަމަލާ ދިނުމަށް ބޭނުންކުރި ބައެއް އާލާތްތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިއާ މަރާލިކަމުގެ ތުހުމަތު މިވަގުތަށް ކުރެވެނީ ކުށުގެ ރެކޯޑެއް ނެތް ޝާހިލަށް އެކަނި ކަމަށާއި އޭނާ އެ ކުށަށް އަދި އިއުތިރާފުވެފައި ނުވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާގެ ހަށިގަނޑު ފެނުނުުއިރު އޮތީ ބޯ ބުރިކޮށްލައި ހަތަރެސްފައިވެސް ބުރިކޮށްލައިފައެވެ. ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ފެނުނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ.