ކްރިސްޓިއާނޯ ރޮނާލްޑޯ

ޔޫރަޕްގެ ވަރުގަދަ އެއްވެސް ކްލަބަކުން ރޮނާލްޑޯ ބޭނުމެއް ނުވޭ: ކެރެގާ

ޔޫރަޕްގައި މިވަގުތު އޮތް ވަރުގަދަ އެއްވެސް ކްލަބަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދަން ބޭނުންނުވާ ކަމަށް ލިވަޕޫލްގެ ލެޖެންޑް، ޓީވީ ޕަންޑިތު ޖެމީ ކެރެގާ ބުނެފިއެވެ.

ކެރެގާ އެހެން ބުނީ، މެންޗެސްޓާ ޔުނައިޓެޑުގައި ހުރި ޗެމްޕިއަންސް ލީގު ނުކުޅެވޭތީ އެ ކްލަބު ދޫކޮށްލަން ރޮނާލްޑޯ ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ، އެކަމާ ގުޅިގެން ވާހަކަދައްކަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ ރޮނާލްޑޯ ކްލަބު ދޫކޮށްލަން ބޭނުންވެ، އެޖެންޓް މެދުވެރިކޮށް އެހެން ކްލަބުތަކަށް ދާން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ރޮނާލްޑޯ ޕްރީ ސީޒަނަށްފަހު ޔުނައިޓެޑަށް ގޮސް އެކަން ދޮގުކުރިއެވެ.

ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑް ކޯޗު އެރިކް ޓެން ހާގާއި ރޮނާލްޑޯއާ ދެމެދުވެސް ގުޅުން ރަނގަޅެއް ނޫނެވެ. ނަމަވެސް ކުރިން ޓެން ހާގު ބުނެފައި ވަނީ ޔުނައިޓެޑްގައި ރޮނާލްޑޯ ބަހައްޓަން ބޭނުންވާ ކަމަށެވެ.

"ރޮނާލްޑޯ ޔުނައިޓެޑަށް ދިއުމުން ފުރަތަމަވެސް ހިތަށް އެރި އެއީ އެހާ ރަނގަޅު ޓްރާންސްފާއެއް ނޫނޭ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި، އެއްބަސްވުން އިތުރަށް އެއް އަހަރަށް އާކުރެވޭ ގޮތަށް، ރޮނާލްޑޯ މިހާރު ކެރިއަރުގައި ހުރި ހިސާބުގައި ގެންދިއުމަކީ ސުވާލު އުފެއްދިދާނެ ކަމެއް. އެއްވެސް ކުޅުންތެރިޔަކީ އަބަދު އެއް ލެވެލްއެއްގައި ހުންނާނެ ކުޅުންތެރިއެއް ނޫން. ރޮނާލްޑޯ މިވީހާ ތަނަށް ދިގު ދެމިގެންދާ ކެރިއަރެއްގައި އެ ތަފާތު ދައްކަނީވެސް އޭނާގެ ޕްރޮފެޝަނަލް ކަމުން. އެކަމަކު މިހާރު އެ ހުރީ ކެރިއަރުގެ ތަފާތު ހިސާބެއްގައި،" ކެރެގާ ބުންޏެވެ.

ކެރެގާ އިތުރަށް ބުނި ގޮތުގައި، ހަގީގަތަށް ބުނާ ނަމަ ރޮނާލްޑޯއަކީ މިހާރު ކުރީގެ ތަރި ނޫންކަން ގަބޫލުކުރަންޖެހެ އެވެ. އެހެން ބުނުމުން އެއީ ރޮނާލްޑޯގެ ގޯލު ޖެހުމުގެ ފެންވަރާ ސުވާލު އުފައްދަނީ ނޫން ކަމަށްވެސް ބުންޏެވެ.

"ހަގީގަތަކީ ރޮނާލްޑޯ އެހުރީ މިހާރު އުމުރުން 37، 38 ހިސާބުގައިކަން. ރޮނާލްޑޯއަކީ ކުރިއާ އަޅާބަލައި އިރު، ތަފާތު ކުޅުންތެރިއެއް. ރޮނާލްޑޯއަކީ މިހާރުވެސް މޮޅު ގޯލު ޖެހުންތެރިއެއް ނަމަވެސް އޭނާއަކީ މިހާރު ކުރީގެ ކުޅުންތެރިޔާއެއް ނޫން. އެހެންވެ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އޭނާ ބޭނުން ނުކުރަނީ. ހަގީގަތުގައި ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ރޮނާލްޑޯ ގެންދަން ބޭނުމެއް ނުވޭ މިހާރު،" ކެރެގާ ބުންޏެވެ.

ލިވަޕޫލްގެ ޑިފެންސްގައި ގިނަ މެޗުތަކެއް ކުޅެ ރިޓަޔާ ކޮށްފައިވާ ކެރެގާއަކީ ޔުނައިޓެޑާއި ލިވަޕޫލްގެ ވާދަވެރިކަމަށް އަބަދުވެސް ވަރަށް ބޮޑަށް ވާހަކަދައްކާ ޕަންޑިތެކެވެ. ހާއްސަކޮށް ކެރެގާއަކީ ލިވަޕޫލް ކޮޅަށް ވަރަށް ބޮޑަށް ވާހަކަދައްކާ ޕަންޑިތެކެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ ނިންމާލި އިރު، އުމުރުން 37 އަހަރުގައި އޭނާ ވަނީ 18 ގޯލު ޖަހައިފައެވެ. ގޯލު ޖެހުމުގައި ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް މުހިއްމު ރޯލެއް ކުޅުނު ނަމަވެސް ގިނަ ކްލަބުތަކަށް އުނދަގޫ ވަނީ ބޮޑު މުސާރައިގައި ގެންދިއުމަށެވެ. އެއީ ރޮނާލްޑޯގެ އުމުރަށްވެސް ބަލައިފައެވެ.