ޚަބަރު

ނަޝީދަށް ލިބުނު ކަމަށްބުނާ ފޮޓޯތަކުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓާއި ޕީޖީ އަދި ޕޮލިހަށް ހުށަހަޅައިފި

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތް ކަމަށް ބުނާ މައްސަލަ މައްސަލަ ބަލަން ސުޕްރީމް ކޯޓަށާއި ޕޮލިހަށާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ވަކިވަކިން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ބަދުއަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވުމުން ހުރިހާ މީޑިއާއެއްގައި އެ ވާހަކަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މާޒް ސަލީމް ވިދާޅުވީ، ބަރަހަނާ ފޮޓޯ ނުވަތަ ފޮޓޯތަކެއް އެއްވެސް ފަރާތެއްގެ އަތުގައި ހުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި ރާއްޖޭގެ ރައީސްގެ އެފަދަ ފޮޓޯތަކެއް ހުރިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވުމަކީ ގާނޫނުއަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާގެ ސިފަތަކަށް އުނިކަމެއް ލިބޭ ތުހުމަތެއް ކަމަށެވެ.

"ފުލުހުން ލައްވައި މި މައްސަލަ ތަހުގީގުކޮށް އެވިދާޅުވާފަދަ ފޮޓޯތަކެއް އެމަނިކުފާނުގެ އަތްފުޅުގައި ހުރިތޯ އަދި ނެތްތޯ ބަލާ ސާފުކުރަން އެއީ ގާނޫނީ ގޮތުން މިއަދު ކުރަންޖެހޭ ކަމެކެވެ،" މާޒް ސަލީމް ވިދާޅުވިއެވެ.

ނަޝީދުގެ އަތްޕުޅުގައި ރައީސް ސޯލިހުގެ އެ ވިދާޅުވާފަދަ ފޮޓޯތަކެއް ހުރިކަން ތަހުގީގަށް ސާބިތުކޮށް ނުދެވިއްޖެނަމަ އެއީ ގަޒްފުގެ ހައްދު ކަނޑައެޅިފައިވާ ޝަރުއީ އަދި ގާނޫނީ ކުށެއް ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

މާޒް ސަލީމް ވިދާޅުވީ މީޑިއާތަކުގައި އެ މައްސަލައާ ގުޅޭގޮތުން ސުރުހީތަކަށް ބަލާއިރު، ނަޝީދު ވަނީ ރައީސް ސޯލިހު ބްލެކްމެއިލް ކޮށްފައިކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރައްވާ ކަމަށާއި ބްލެކްމެއިލް ކުރުމަކީ ވެސް ގާނޫނީ ކުށެއް ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ނަޝީދު ޖުލައި މަހުގެ 29 ވަނަ ދުވަހު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރަންވީތޯ ވެސް ނަޝީދު އެއްސެވިއެވެ.

"އަދި ރައީސް ސޯލިހްގެ ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތައް ފުލުހުން ފޮރުވީތޯ" ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ އާއިލީ ގޮތުން ވަރަށް ގާތް ރަހުމަތްތެރިއެއްގެ ކުއްޖަކާއެކީގައި ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "ވަން" އަށް ވިދާޅުވެފައިވަނީމ ރައީސް ސޯލިހު އެފަދަ ކަމެއް ކުރައްވާފައިނުވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ސޯލިހު އެފަދަކަމެއް ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ނުހުންނާނެ ކަމަށެވެ.