ޕައުލް ޕޮގްބާ

ވޯލްޑް ކަޕް ގެއްލިދާނެތީ ޕޮގްބާ ކަކުލުގެ އޮޕަރޭޝަން ނުކުރާނެ

ޖުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަނަކަށް ނުގޮސް ފަރުޖައްސާލެވެނޭ ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ޕޮގްބާއަށް އަނިޔާވިކަން އިއުލާންކޮށްފައި ވަނީ ޔުވެންޓަސްއާއެކު މި ސީޒަނަށް ތައްޔާރުވާން ކުޅުނު ޕްރީ ސީޒަންގެ އެކުވެރިކަމުގެ މެޗަކަށްފަހުއެވެ. އެ މެޗުގައި ޔުވެންޓަސްއިން މެކްސިކޯގެ ޗީވާސް ގުއަޑަލަޖާރާއާ ދެކޮޅަށް ކުޅެފައިވާ އިރު، މެޗަށްފަހު ޕޮގްބާ ބުނެފައި ވަނީ އޭނާގެ ކަނާތު ކަކުލަށް އަނިޔާވެފައިވާ ކަމަށެވެ. ޓެސްޓުތަކުން ދެއްކި ގޮތުގައި މެޗުގައި އަނިޔާވީ ޕޮގްބާ ކަކުލުގެ މެނިސްކަސްއަށެވެ.

އޭރު ހީވެފައި އޮތް ގޮތުން ޕޮގްބާއަށް އާ ސީޒަނަށް ނުކުމެވެން އޮތީ ކަކުލުގެ އޮޕަރޭޝަނަކަށް ފަހުއެވެ. ނަމަވެސް ޕޮގްބާ ދިޔައީ އޮޕަރޭޝަނަކަށް ނުގޮސް ރަނގަޅުވާނެ މަގެއް އޮތްތޯ ބަލަމުން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އިއްޔެ އިޓަލީގެ ނޫސްތަކުން ބުނެފައިވާ ގޮތުން، ޕޮގްބާ ވަނީ ކަކުލުގެ އޮޕަރޭޝަނަކަށް ނުދާން ނިންމައިފައެވެ. އަދި މިހާރު ނަގަން މަސައްކަތް ކުރަނީ ފަސް ހަފުތާގެ ހާއްސަ ފަރުވާއެއް ކަމަށާއި އެއީ ޖިމްގެ މަސައްކަތްތަކެއްގެ އިތުރުން ޕޫލުގެ މަސައްކަތްތަކެއް ހިމެނޭ ފަރުވާއެއް ކަމަށް ނޫސްތައް ބުނެފައިވެއެވެ.

ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ، އެނބުރި ޔުވެންޓަސްއަށް މި ސީޒަނަށް ދިޔައީ މެންޗެސްޓާ ޔުނައިޓެޑްގެ އެއްބަސްވުން ހަމަވުމާއެކު ހިލޭ ޓްރާންސްފާއެއްގައެވެ. ޕޮގްބާއަކީ ފްރާންސްގެ ގައުމީ ޓީމަށް މުހިންމުވާނެ ކުޅުންތެރިއެކެވެ. ޔުނައިޓެޑްގައި ފޯމު ދަށްކޮށް ފެނުނު ނަމަވެސް، އަބަދުވެސް ފްރާންސް ޓީމުގައި ޕޮގްބާގެ ފޯމު ފެންނަނީ ރަނގަޅަށެވެ.