ސާފް ޗެމްޕިއަންޝިޕް

ސާފް 20 އަހަރުން ދަށު މުބާރާތް: ބަންގްލަދޭޝް ފައިނަލަށް، ރާއްޖެ ހަނިކޮށް ބަލިކޮށް އިންޑިއާވެސް ފައިނަލަށް

އިންޑިއާގެ ބުބަނޭޝްވަރުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު ލީގު ބުރުގެ ފަހު މެޗުތަކާއެކު ފައިނަލް ދެޓީމު ޔަގީން ވެއްޖެއެވެ.

ލީގު ބުރުގެ ފަހު މެޗުތައް މިއަދު ހަވީރު ކުޅެފައިވާ އިރު، ބަންގްލަދޭޝްއިން ފައިނަލް ޔަގީންކުރީ ނޭޕާލާ 1-1 އިން އެއްވަރު ކޮށްގެންނެވެ. އަނެއްކޮޅުން ފައިނަލަށް ދިޔަ އިންޑިއާއިން ފައިނަލް ޔަގީންކުރީ މިއަދު ރާއްޖެ ކައިރީ 1-0 ގެ ހަނި މޮޅަކާއެކުގައެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ކުޅެފައިވާ އިރު، ލީގު ބުރުގެ އެއްވަނައިގައި ފައިނަލަށް ދިޔައީ ބަންގްލަދޭޝްއެވެ، ބަންގްލަދޭޝް ފައިނަލަށް ދިޔައީ ކުޅުނު ހަތަރު މެޗުން ތިން މެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރު ކޮށްގެންނެވެ. ދެވަނައިގައި އިންޑިއާ ފައިނަލަށް ގޮސްފައިވާ އިރު، އިންޑިއާއިން ބަލިވީ ހަމައެކަނި ބަންގްލަދޭޝް އަތުންނެވެ.

މިއަދު ނޭޕާލާއި ބަންގްލަދޭޝް ކުޅުނު މެޗުގައި ނޭޕާލްގެ ގޯލު ޖެހީ ނިރަޖަން މައްލާއެވެ. ބަންގްލަދޭޝްއަށް އެއްވަރު ކޮށްދިން ގޯލު، އެޓީމަށް ޖަހައިދިނީ އެމްޑީ ޕިއާޝް އަހުމަދު ނޯވާއެވެ.

ރާއްޖެއިން މިއަދު ކުޅުނު މެޗަކީ މިހާތަނަށް މުބާރާތުގައި ރާއްޖެއިން ނެރުނު އެންމެ ރަނގަޅު އެއް ނަތީޖާއެވެ. ރާއްޖެއިން ލަންކާ ކައިރީ އެއްވަރުކޮށް ޕޮއިންޓެއް ހޯދި އިރު، މިއަދުގެ މެޗުގައި އިންޑިއާ ކައިރީ ޑިފެންސިވްލީ ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އިންޑިއާއިން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗު ނިމެން ދަނިކޮށް، 87 ވަނަ މިނެޓުގައި ގުރުކިރާތު ސިންހެވެ.

ސާފް 20 އަހަރުން ދަށުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުއެވެ.