ޗެލްސީ

ކުކުރޭޔާގެ މިސްރާބު ޗެލްސީއާ ދިމާލަށް ބަދަލުވެއްޖެ

ސްޕެއިންގެ ޒުވާން ޑިފެންޑަރު މާކް ކުކުރޭޔާ ގެންދަން ޗެލްސީން ބުރަކޮށް މަސައްކަތް ފަށައިފިއެވެ.

ކުކުރޭޔާ ގެންދަން ޗެލްސީން މަސައްކަތް ކުރަމުންދާ އިރު، އިތުބާރު ނޫސްތަކުން ބުނެފައި ވަނީ އެ ކްލަބުން ކުޅުންތެރިޔާގެ އެޖެންޓާއެކު ބައްދަލުވުންތައް ބާއްވައި ކްލަބާވެސް މަޝްވަރާކުރަމުންދާ ކަމަށެވެ. ކުކުރޭޔާއަކީ ޕްރިމިއާ ލީގުގެ ބޮޑެތި އެހެން ކްލަބުތަކުންވެސް ލޯއަޅަމުންދާ ކުޅުންތެރިޔަކަށްވީ އިރު، އޭނާ ގެންދަން އެންމެ ބޮޑު ކުރިއެރުންތަކެއް މީގެ ކުރިން ހޯދާފައި ވަނީ މެންޗެސްޓާ ސިޓީންނެވެ.

ސިޓީން މީގެ ދެ ދުވަހެއް ކުރިންވެސް ކުކުރޭޔާ ހޯދަން މަސައްކަތް ކުރަމުން ދިޔައިރު، އޭނާ ވަނީ އެ ކްލަބާއެކު ޕާސަނަލީ އެއްބަސްވުމަކަށްވެސް ގޮސްފައެވެ. ސިޓީއަށް ހާސިލު ނުވީ ކުކުރޭޔާއަށް ބްރައިޓަންއިން ކިޔާފައިވާ އަގު ދެއްކުމެވެ. އުމުރުން 24 އަހަރުގެ ޑިފެންޑަރު ކުކުރޭޔާއަށް ބްރައިޓަންއިން ކިޔާފައި ވަނީ 50 މިލިއަން ޕައުންޑްގެ އަގެކެވެ. ސިޓީން އެއްބަސްވީ 30 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ސިޓީއަށް ދާން ބޭނުންވެ، ކުކުރޭޔާ ވަނީ އަމިއްލައަށް ބްރައިޓަންއަށް ޓްރާންސްފާ ރިކުއިސްޓެއްވެސް އޭރުކޮށްފައެވެ.

ސްކައި ސްޕޯޓްސްއިން ބުނެފައިވާ ގޮތުގައި ބްރައިޓަންއިން ބޭނުންވާ 50 މިލިއަން ޕައުންޑުގެ އަގު ކުކުރޭޔާއަށް ދޭން ޗެލްސީ ތައްޔާރެވެ. މިވަގުތު ޗެލްސީން ޑިފެންޑަރަކަށް މަސައްކަތް ކުރަމުންދަނީ "ޕެނިކް" ހާލަތެއްގައި ކަމަށްވީ އިރު، އެ ޓްރާންސްފާ ކާމިޔާބުކުރުން ގާތެވެ.

ޗެލްސީން ޑިފެންޑަރަކަށް މަޖުބޫރު ހާލަތުގައި މަސައްކަތްކުރަމުން ދަނީ އެ ކްލަބަށް ގެންދަން މަސައްކަތްކުރި ބައެއް ޑިފެންޑަރުން ނުލިބުމުންނެވެ. ފަހު ވަގުތު ބާސެލޯނާއިން ޖޫލްސް ކޫންޑޭ ޑީލަށް ވަދެ، ޗެލްސީ އަތުން އޭނާ ޖަހައިގަނެފައިވާ އިރު، ދެން ހޯދަން މަސައްކަތްކުރި ޕްރިންސަލް ކިމްޕެންބޭއާއި ނެތަން އަކޭވެސް ޗެލްސީ ކޯޗު ތޯމަސް ޓުޗެލްއަށް ވަނީ ލިބޭ ގޮތް ނުވެއެވެ.

ޗެލްސީގެ މުހިންމު ޑިފެންޑަރުންތަކެއް މިދިޔަ ސީޒަނަށްފަހު ކްލަބު ދޫކޮށްލާފައިވާ އިރު، އެތަން ފޫބައްދަން މިހާތަނަށް ގެންގޮސްފައި ވަނީ ކަލިޑޫ ކުލިބާލީ އެކަންޏެވެ.