ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށާއި މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރުމުން، ނާޒިމް ދިފާއުކުރައްވައި ރައީސް ނަޝީދު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އަދި އެ ވާހަކަތަކަށް އީވާ ވަނީ ތާއީދުކުރައްވައިފައެވެ.
ނަޝީދާއި އީވާ ވަކިކުރަން ގޮވާލައި ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ސޮއިކުރެއްވި އެމްޑީޕީ މެމްބަރަކު މިއަދު "ވަން" އަށް ވިދާޅުވީ، އެ ގަރާރުގައި މިހާތަނަށް ސޮއިކޮށްފައިވަނީ ރައީސް ސޯލިހަށް ތާއިދުކުރައްވާ ހަތް މެމްބަރުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ގަރާރުގައި އެހެން މެމްބަރުން ވެސް ސޮއިކުރައްވާނެ ކަމަށެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، އެ މަނިކުފާނަށް ތާއިދުކުރައްވާ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ސޮއިކުރާނެ. އެ ބޭފުޅުން މިވަގުތު މާލޭގައި ނެތީމާ. އެހެންނޫނީ މިހާރު ޔަގީން ވަކިކުރެވޭވަރު ވާން،" އެ މެމްބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް އަލުން ފަށާއިރު އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރާނަމަ މަޖިލީހުގެ މިހާރު ތިއްބެވި 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.
ރައީސް ނަޝީދާއި އީވާ މަގާމުން ވަކިކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައިވެސް އަންނަނީ ސޮއި ކުރަމުންނެވެ. ރައީސް ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއް ހަދައި ސޮއިކުރުމަށް ހުޅުވާލާފައި ވަނީ، އެކި ކަންކަމަށް ގޮވާލައި ޕެޓިޝަން ހިންގުމަށް މަޝްހޫރު އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ 'ޗޭންޖު.އޯގް' ވެބްސައިޓުގައެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ، ނަޝީދު ގެންދަވަނީ އިސްލާމް ދީނަށް ގޮންޖައްސަވައި ދިވެހި ރައްޔިތުންނަށް ފުރައްސާރަ ކުރައްވަމުން ކަމަށެވެ. އަދި މިއަދު އެ މަނިކުފާނަކީ ނާތަހުޒީބުކަން ދިފާއުކޮށް، މުޅި ގައުމު ނިކަމެތި ކުރަން މަސައްކަތް ކުރާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރުކުރުމުން ރައީސް ނަޝީދު ވިދާޅުވީ އިޖުރާއަތްތަކާ ހިލާފަށް ނާޒިމް ހައްޔަރުކުރީ ނުފޫޒު ފޯރުވައިގެން، ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ވައްޓަވާލައްވާނެ ކަމަށް އިންޒާރު ދެއްވުމާއެކު، އެ މަނިކުފާނު އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހާމެދު އެފަދަ ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކުމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕު މެންބަރުންނާއި އާއްމު މެންބަރުން ހިމެނޭ ގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށާއި އީވާއަށް ފާޑުކިޔަމުންނެވެ. އެ ބޭފުޅުން މަޖިލީހުގެ މެންބަރުކަމުންނާއި އެމްޑީޕީން ވަކިކުރުމަށްވެސް ދަނީ ގޮވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު