ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ ކޮބާ؟ ވީތަނެއް ޓެން ހާގަކަށްވެސް ނޭނގެ!

މުޙައްމަދު ޝަމްޢޫން

1

ޕްރި ސީޒަންގެ ތަމްރީނުތަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަދިވެސް ނުނުކުންނަ ކަމަށާއި، ނުކުންނާނެ ދުވަހެއް އެހެން ބުނަން ނޭނގޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.

މީގެ ދެ ހަފުތާއެއްހައި ދުވަސް ކުރިން ޔުނައިޓެޑްގެ ތަމްރީނުތަކަށް ރޮނާލްޑޯ ނުކުތުމަށް ތައްޔާރުވެފައި އޮތް ނަމަވެސް، ޓްރާންސްފާއެއްގެ ވާހަކަތަކާއެކު ރޮނާލްޑޯ އަދިވެސް ހުރީ ޗުއްޓީއެއްގައެވެ. ޔުނައިޓެޑަށް މިދިޔަ ސީޒަނަށް އެނބުރި ދިޔަ ރޮނާލްޑޯގެ ޓްރާންސްފާ ވާހަކަތައް މީޑިއާގައި ގަދައަށް ދެކެވެމުން އަންނަ ނަމަވެސް، އޭނާގެ ސީދާ އިޝާރާތެއް އަދި ނެތެވެ. ރޮނާލްޑޯގެ ފަރާތުން އޭނާގެ އެޖެންޓް ކުރަމުން އަންނަ މަސައްކަތަކީ ބޮޑު ކްލަބަކުން ރޮނާލްޑޯ ބޭނުން ވޭތޯ ކުރަމުން އަންނަ މަސައްކަތެވެ.

މީޑިއާ ރިޕޯޓުތައް އެންމެފަހުން ބުނެފައިވާ ގޮތުގައި، ޔުނައިޓެޑްގައި ހުރެ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅެވެން ނެތުމުން ރޮނާލްޑޯ ބޭނުން ވަނީ އެ ކްލަބު ދޫކޮށްލާށެވެ. ޔުނައިޓެޑަށް ޔޫރަޕްގެ މުބާރާތަކަށް އަންނަ ސީޒަނުގައި ކުޅެވޭނީ ޔޫރޮޕާ ލީގެވެ. ޔޫރަޕުގައި ވިދާލިފަހުން މިހާތަނަށް އެއްވެސް ސީޒަނެއްގައި ރޮނާލްޑޯ ޗެމްޕިއަންސް ލީގު ނުކުޅެ ދޫކޮށްލާފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގެ ފުރުސަތަކަށް ރޮނާލްޑޯ ބޭނުންވެ، އެޖެންޓް އަންނަނީ ކްލަބުތަކަށް ރޮނާލްޑޯ ހުށަހަޅަމުންނެވެ. ރޮނާލްޑޯގެ އެޖެންޓް ޖޯޖު މެންޑޭޒް، ގިނަ ކްލަބުތަކަކާ ބައްދަލުކުރި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވާ އިރު، ޗެލްސީއާއި ރެއާލް މެޑްރިޑުގެ އިތުރުން ޕީއެސްޖީއަށްވެސް ރޮނާލްޑޯ ގެންދަން ހުށަހަޅާފައިވެއެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އެ ކްލަބަށް ރޮނާލްޑޯ ގެންދަން ލިބުނުކަން ޔަގީންވެސް ކޮށްދީފައެވެ. ކޯޗު ޓުޗެލް ބުނެފައި ވަނީ ރޮނާލްޑޯ ގެންދަން ހުށަހެޅުމެއް ލިބުނު ނަމަވެސް، މިވަގުތު ޓީމުގެ ޕްރޮޖެކްޓަށް ބަލައި ރޮނާލްޑޯ ގެންދަން ބޭނުން ނުވާ ކަމަށެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ ނިންމާލި އިރު، އުމުރުން 37 އަހަރުގައި އޭނާ ވަނީ 18 ގޯލު ޖަހައިފައެވެ.

ގޯލު ޖެހުމުގައި ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް މުހިއްމު ރޯލެއް ކުޅުނު ނަމަވެސް ގިނަ ކްލަބުތަކަށް އުނދަގޫ ވަނީ ބޮޑު މުސާރައިގައި ގެންދިޔުމަށެވެ. އެއީ ރޮނާލްޑޯގެ އުމުރަށްވެސް ބަލައިފައެވެ.

"(ރޮނާލްޑޯ އެނބުރި ތަމްރީނުތަކަށް އަންނާނެ ދުވަހެއް) ނޭނގެ. ކުރިން ހަފުތާވެސް އެނގޭ ވަރަށް އެނގެނީ. އެކަމަކު ހާސްވެފައެކޭ ނުބުނާނަން މިހުރީ. އަހަރެން ފޯކަސް ކުރަނީ މި ސްކޮޑުގައި މިވަގުތު އެވޭލަބަލް ވާނެ ކުޅުންތެރިންނަށް. އެ ކުޅުންތެރިން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްތައް ކުރަމުން. ރޮނާލްޑޯ ޓީމާ ގުޅޭނެ ކަމަށް މިބަލަނީ. އޭނާ އަހަރެންގެ ސިސްޓަމަށް ފިޓްވާނެ ގޮތެއް ހޯދައި ބަލާނަން،" ޓެން ހާގު ބުންޏެވެ.

ޓެން ހާގު މިވަގުތު އެޓޭކިންގައި ބޭނުން ކުރަމުން އަންނަނީ އެންތޮނީ މާޝިއަލް އާއި މާކަސް ރަޝްފޯޑުގެ އިތުރުން ޖޭޑަން ސާންޗޯއެވެ. ޕްރި ސީޒަން މެޗުތަކުގައި އެކުޅުންތެރިންގެ ގުޅުން ފެންނަނީ ރަނގަޅަށެވެ. ޓެން ހާގު ބުނެފައި ވަނީ އެ ކުޅުންތެރިން އޭނާގެ ސިސްޓަމަށް ފިޓްވާނެ ކަމަށާއި، އެކުގައި ކުޅުވަން ރަނގަޅު ކަމަށެވެ.