ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށްދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ސެނެޓަރު މުހައްމަދު އިސްމާއީލްގެ ބަންދު ތިން ވަނަ ފަހަރަށް އިތުރުކުރަން ކުރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
މުހައްމަދު އިސްމާއީލްގެ ފަރާތުން އެ އަމުރު އިސްތިއުނާފަށް ހުށަހެޅީ މިއަދުއެވެ. އެ މައްސަލަ އަދި ހައި ކޯޓުގައި ރަޖިސްޓްރީކޮށްފައެއް ނުވެއެވެ.
ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގެ ތުހުމަތަށް މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ކާނިވާގެ ކެފާއެއްގައި ސައިބޯން އިންދައި މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އަދި އޭގެ ފަހުން ދެ ފަހަރު ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
ޕީޕީއެމްގެ ސެނެޓަރެއް ކަމަށްވާ އިބްރާހީމް ރައްޒާން ވެސް ފުލުހުން ވަނީ ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ. ކުރިމިނަލް ކޯޓުން ރައްޒާންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ހުކުމް ކުރުމުން އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު ވެސް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ވަނީ މިއަދު އަމުރުކޮށްފައެވެ. ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް އާދަމް ނިޝާން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އިއްޔެ އޭނާގެ ބަންދަށް 16 ދުވަސް އިތުރުކުރަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު