ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލު މެންބަރު އިބްރާހިމް ރައްޒާން (ޓަކޭ) ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށްޓަކައި ގަލޮޅު ދަނޑުގައި ހިންގި ހަރަކާތް ހުއްޓުވުމަށްޓަކައި، ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ފުލުހުންގެ ސަފުތައް ބަޔަކު ފޫއަޅުވާލައި ގަދަކަމުން ވަދެ، އެ ހަރަކާތުގައި ބައިވެރިވާން ތިބި މީހުންނާ ކުރިމަތިލައި، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ތަނުގައި ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުންނާ ވަނީ ކުރިމަތިލައިފައެވެ.
އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލު މެންބަރު ރައްޒާން ހިމެނެއެވެ. އޭނާގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމުގެ ކުށުގެ ތުހުމަތެވެ. އެ މައްސަލައިގެ ތުހުމަތަށް ދެ ފަހަރެއްގެ މަތިން ރައްޒާންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަމުރުކުރީ ޝަރުތުތަކެއް ކުރުމަށްފަހު ރައްޒާން ބަންދުން ދޫކޮށްލުމަށެވެ.
އެއީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ދައުލަތުގެ ފަރާތުން ހެކި ހުށަހަޅާފައިނުވާތީ ކޯޓުން ކުރި އަމުރެކެވެ. ދައުލަތުގެ ފަރާތުން ވަނީ ކުރިމިނަލް ކޯޓުގެ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައި ކޯޓުގައި ދައުލަތުން ވިދާޅުވެފައިވަނީ، ކުރިމިނަލް ކޯޓުން ރައްޒާން ދޫކޮށްލުމަށް އަމުރުކުރީ "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުސޫލާއި، ޓެރަރިޒަމް މާނަކުރުމުގެ ގާނޫނާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ރައްޒާންގެ ފަރާތުން ބުނެފައިވަނީ ޓެރަރިޒަމް މާނަކުރުމުގެ ގާނޫނުގެ ދަށުން އޭނާ ބަންދުކުރަން އަމުރުކުރީ އޮޅުމަކުންކަން އެނގޭ ކަމަށާއި އެގޮތަށް އެނގެނީ ކޯޓު އަމުރުގައި "ތުހުމަތުކުރެވޭ ވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ" ކަމަށް ބަޔާން ކުރުމުގެ ބަދަލުގައި "ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ" ކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.
ދެ ފަރާތުގެ ވާހަކައަށް ރިއާޔަތް ކުރުމަށްފަހު ހައި ކޯޓުން ހުކުމްކުރީ ރައްޒާން ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށެވެ. އެގޮތަށް ހުކުމްކުރީ ކުރިމިނަލް ކޯޓުން ރައްޒާންގެ ބަންދު ފުރަތަމަ ފަހަރު އިތުރުކޮށްދިނީ ފުލުހުން އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވާތީ ކަމަށާއި އެ ރިޕޯޓަށް ބިނާކޮށް ދެވަނަ ފަހަރު ރައްޒާންގެ ބަންދު އިތުރުކުރަން ފުލުހުން އެދުނު ކަމަށެވެ. ނަމަވެސް އެ އިންޓެލިޖެންސް ރިޕޯޓުން ރައްޒާންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނެކަން އެނގެން ނެތް ކަމަށެވެ.
އެހެންވެ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވީ ރައްޒާން ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމަރު ބާތިލުކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ އިސް ފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު ހުޒެއިފާ މުހައްމަދު އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒެއިފާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު