އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑް ގައުމީ ޓީމުގެ ވިންގް ރަހީމް ސްޓާލިން ޗެލްސީއަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ސްޓާލިން ސިޓީއާއެކު ވެފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮތް އިރު، އޭނާ ސިޓީ ދޫކޮށްލުމަށް މިދިޔަ ސީޒަނަށްފަހު ވަނީ ނިންމާފައެވެ. ސްޓާލިން ހޯދުމަށް ގިނަ ކްލަބުތަކަކުން މަސައްކަތް ކޮށްފައިވާ އިރު، އިންގްލެންޑުން ބޭރުގެ ލީގުތަކުގެ ކްލަބުތަކުންވެސް ސްޓާލިން ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ހަބަރުތައް ބުނާގޮތުގައި ގޮތުގައި ޗެލްސީއާއި ސްޓާލިންނާ ދެމެޗު އެއްބަސްވުމަކަށް އައިސް، މިހާރު މަސައްކަތް ކުރަމުން އަންނަނީ ސިޓީއާއި ޗެލްސީއާ ދެމެދު އަގެއް ފައިނަލް ކުރުމުގެ މަސައްކަތެވެ. ބެލެވޭ ގޮތުގައި ސްޓާލިންގެ އަގު 65 ވަރަކަށް މިލިއަން ޕައުންޑަށް އަރާނެއެވެ.

ސްޓާލިން ހޯދުމަށް ޗެލްސީން ފުރަތަމަ ކުރި ބިޑަކީ 25 މިލިއަން ޔޫރޯގެ ބިޑެކެވެ. އެ ބިޑު ސިޓީން ވަނީ ރިޖެކްޓް ކޮށްފައެވެ. ނޫސްތައް ބުނެފައި ވަނީ ސިޓީން ބޭނުންވާ އަގަކީ 55 މިލިއަން ނޫނީ 60 މިލިއަން ޔޫރޯގެ އަގެއް ކަމަށެވެ.

ސްޓާލިން މިދިޔަ ސީޒަނުގައި ސިޓީ ޖާޒީގައި 30 މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ 13 ގޯލު ޖަހައިފައެވެ.

ސީޒަނުގައި ސްޓާލިން 30 މެޗު ސިޓީއަށް ކުޅުނު ނަމަވެސް މުހިއްމު ބައެއް މެޗުތަކުގައި އިންނަން ޖެހުނީ ބެންޗުގައެވެ. އެގޮތުން ސިޓީން ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ދެ ލެގުވެސް ހިމެނެއެވެ. އޭގެ އިތުރުން ސިޓީން ލީގު ޔަގީން ކުރުމަށް ލީގުގެ ފަހު މެޗުގައި އެސްޓޮންވިލާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސްޓާލިން އިނީ ބެންޗުގައެވެ.