ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްގެ ކަކުލަށް އަނިޔާވެ، ކުޑަ ސާޖަރީއެއް ކުރަން ޖެހުމާއެކު ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ކްލަބުން ބުނެފިއެވެ.
އުމުރުން 26 އަހަރުގެ ޖޭމްސްއަށް މިފަހަރު އަނިޔާވީ އިންޓަނޭޝަނަލް ބްރޭކަށްފަހު ޗެލްސީން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންނެވެ. 5-1 ގެ ނަތީޖާއަކުން ޗެލްސީން އެމެޗުން މޮޅުވި އިރު، އެމެޗުގައި ޖޭމްސް ކުޅެފައެއް ނުވެއެވެ. އެއީ އޭގެ ކުރިން ތަމްރީނުތަކުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް ޗެލްސީން ބުނެފައިވެއެވެ.
މިދިޔަ ދެތިން ސީޒަނުގައިވެސް ޖޭމްސްއަށް އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިވެފައިވާ އިރު، މިދިޔަ ސީޒަނުގައިވެސް ޖޭމްސް ކުޅުނީ ބައެއް މެޗުތަކުގައެވެ. މި ސީޒަނަށް ނުކުމެ ރަނގަޅު ފިޓްނަސްއެއްގައި ފެށި އިރު، ޖޭމްސް ވަނީ އިންޓަނޭޝަނަލް ބްރޭކްގެ ސްކޮޑުގައިވެސް ފުރަތަމަ ހިމެނިފައެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން ސްކޮޑު ދޫކޮށްލީއެވެ.
ޗެލްސީން ބުނީ ބޯންމައުތު މެޗުގެ ކުރިން އަނިޔާގެ ތަފުސީލުތައް ހާމަކޮށްފައި ނުވަނީ ކަންކަން ޔަގީން ނުވާތީ ކަމަށާއި، ޔަގީންވުމާއެކު ކުޑަ ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. އަދި ސާޖަރީން ރިކަވާވާނެ ސީދާ ތާރީހެއް ނޭނގޭ ކަމަށްވެސް އެ ކްލަބުން ބުންޏެވެ. ޗެލްސީން ބުނީ ޖޭމްސް ހަފުތާތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާކަން ޔަގީންވެފައިވާ ކަމަށެވެ.
އިނގިރޭސި ނޫސްތަކުން ބުނެފައި ވަނީ ޖޭމްސްއަށް ދެން މިއަހަރު ކުޅުމަށް ނާދަވޭނެ ކަމަށެވެ. އަދި އަނެއް އަހަރުގެ މަހެއްހާ ދުވަސް ގެއްލިދާނެކަމުގެ ބިރު އެބައޮތް ކަމަށްވެސް ނޫސްތައް ބުނެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ
ކޮމެންޓް