ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ، 84،414،546.83 ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޑރ. މުއިއްޒު ހުށަހެޅުއްވީ އަމީނީ މަގު 39 މިލިއަން ރުފިޔާއަށް ހެދުމަށެވެ.

"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ސިޓީ ކައުންސިލުން އަތުލާފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާއެއްގައި ނިންމީ، މާލޭގެ މަގުތައް ހަދަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެ މައްސަލަ ބަލައިދޭން އޭސީސީ އަށް ހުށަހެޅުމަށެވެ.

މީގެ އިތުރުން އަމީނީ މަގު ހެދުމުގެ މަސައްކަތާ ބެހޭގޮތުން އާރްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ސިޓީއެއް ރައީސް އޮފީހަށް ފޮނުވައި، ޕްލޭނިން މިނިސްޓްރީ އާއި އާރްޑީސީއާ ދެމެދު ސޮއިކުރި އެއްބަސްވުން ބާތިލުކުރަން ކޯޓަށް ހުށަހެޅުމަށްވެސް ނިންމައިފައެވެ.

މީގެ އިތުރުން އެ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ހުށަހެޅުމަށް ވެސް ވަނީ ނިންމައިފައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަމީނީމަގާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރަން ސަރުކާރުން އެއް ފަހަރަކު ވެސް އެދިފައި ނުވާ ކަމަށެވެ. އަދި އެ މަގު އާދައިގެ ގޮތަށް ހަދަން ސިޓީ ކައުންސިލުން އުޅޭ ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ދެއްކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑު ހިތާމަކުރާ ކަމެއް އެވަރުގެ ހަގީގަތާ ހިލާފު ވާހަކަތަކެއް ޒިންމާދާރު މަގާމުތަކުގައި ތިބޭ ބޭފުޅުން ރައްޔިތުންނާ ހިސާބަށް ދޫކޮށްލުމަކީ. އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޑރ. މުއިއްޒު ހުށަހެޅުއްވި ގޮތަށް 39 މިލިއަން ރުފިޔާއަށް އަމީނީމަގު ހަދަން އެއްބަސްނުވީ އެ އަގުގައި ފެންވަރު ރަނގަޅު ތާރާއެކު މަގު ނުހެދޭނެތީ ކަމަށެވެ.

މޫކޭ ވިދާޅުވެފައިވަނީ، 39 މިލިއަން ރުފިޔާއަށް ރަނގަޅު ފެންވަރެއްގައި އަމީނީ މަގު ނުހެދޭނެ ކަމަށް ޑރ. މުއިއްޒު ކައިރީގައި ވިދާޅުވެފައިވާނެ ކަމަށެވެ. އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސިޓީ ކައުންސިލާއެކު 2019 ވަނަ އަހަރުވެފައިވާ އެއްބަސްވުމުގައި އަމީނީ މަގު ނޯންނާނެ ކަމަށާއި އަދި އަމީނީ މަގު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމެއްވާނަމަ ހާމަކުރުމަށް އެދޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީއާއެކު ހަދައިފައިވާ އެއްބަސްވުމުގައި ކޮރަޕްޝަން ހިމެނޭ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ކަމެއް ފާހަގަވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެދޭ ކަމަށް މޫކޭ ވިދާޅުވެފައިވެއެވެ.

މޫކޭގެ އެ ވާހަކަތަކާ ގުޅިގެން އިއްޔެ ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، 39 މިލިއަން ރުފިޔާއަށް ކުރެވެން އޮތްކަމަށް 84 މިލިއަން އަށް ކުރަން ނިންމައި، ރައްޔިތުންގެ ފައިސާއިން 45 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގަން އުޅޭކަމުގެ ވާހަކަ ކައުންސިލުން ދެއްކީމާ އެކަން ފޮރުވަން އާރްޑީސީ އާއި ޕްލޭނިން މިނިސްޓްރީން ދޮގު ހަދަން މަޖުބޫރުވެފައިވާ މަންޒަރު ރައްޔިތުންނަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ.

މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ މާލެ ސިޓީ ކައުންސިލުން އާރުޑީސީއާ ދެމެދު 2019 ވަނަ އަހަރު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުން އަންނަ މަޝްރޫއެކެވެ. މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި އަމީނީ މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި ފަރީދީ މަގާއި ބުރުޒު މަގު ހިމެނެއެވެ.