ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ގެންދަން މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ އެރިކްސަން ގެންދަން ޔުނައިޓެޑުން އެއްބަސްވެފައި ވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. އެއީ މިދިޔަ ސީޒަނުގެ މެދުތެރެއިން ބްރެންޓްފޯޑަށް ގޮސް، އެ ކްލަބާއެކު އެރިކްސަން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައި އޮތުމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެރިކްސަންއާއެކު ޔުނައިޓެޑުން ސޮއިކުރުމަށް ތައްޔާރުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މި ހަފުތާ ތެރޭގައި އެރިކްސަން ޔުނައިޓެޑާއެކު މެޑިކަލް ފުރިހަމަ ކުރާނެ ކަމަށްވެސް ނޫސްތަކުން ބުނެއެވެ.
އެރިކްސަން ވެގެން ދާނީ އަލަށް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި އެރިކް ޓެން ހާގު، އެ ކްލަބަށް ގެންދާނެ ދެވަނަ ކުޅުންތެރިޔާ އަށެވެ. އެ ކްލަބުން މިހާރު ވަނީ ޑަޗު ލީގުގެ ފޭނޫޑަށް ކުޅޭ ޑިފެންޑަރު ޓައިރެލް މަލާސިއާގެ ސޮއި ހޯދުމުގެ ހުރިހާ ކަމެއް ނިންމައިފައެވެ.
މިދިޔަ އަހަރު ބޭއްވި ޔޫރޯގައި ޑެންމާކުން ގްރޫޕް ސްޓޭޖުގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑުމައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. އިމަޖެންސީގައި މެޗު މެދުކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައި ދިޔައެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.
އެރޭގެ މަންޒަރުތަކާއެކު އެރިކްސަން އެނބުރި ފުޓުބޯޅައަށް އަންނާނެތޯ ގިނަ ބަޔަކަށް ސުވާލު އުފެދުނެވެ. ކިރިޔަ ކިރިޔާ ސަލާމަތްވި އެރިކްސަން ރިޓަޔާކުރާނެ ކަމަށް އެއިރު ބެލެވުނު ނަމަވެސް އޭނާ ހިތްވަރު ދޫނުކޮށް ފުޓުބޯޅައަށް އެނބުރި އަންނަން ނިންމިއެވެ.
ހިތަށް އައިސީޑީއެއް ލައްވައި، އެރިކްސަން މިދިޔަ އޯގަސްޓް މަހު އެނބުރި އެއިރުގެ ކްލަބު އިޓަލީގެ އިންޓަ މިލާނަށް ދިޔަ ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަންއަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. އެ ހިސާބުން އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލާފައިވާ އިރު، އޭނާ ވަނީ ފިޓްނަސް ހިފެހެއްޓުމަށް ކެރިއަރުގެ އެންމެ ފުރަތަމަ ކުޅުނު ކްލަބު، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އިތުރުން އަޔެކްސްގައިވެސް ތަމްރީނުތަކުގައި ބައިވެރިވެފައެވެ.
ތަމްރީނުތަކަށް ފަހު ރަސްމީކޮށް އެރިކްސަން ފުޓުބޯޅައަށް ނުކުތީ މިދިޔަ ސީޒަނުގެ ފަހު ބަޔަށް ބްރެންޓްފޯޑާ ގުޅިގެންނެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެރިކްސަން ވަނީ ކްލަބަށް މުހިއްމު ކުޅުމެއް ދައްކައި، އަލުން ގައުމީ ޓީމުގެ ސްކޮޑުންވެސް ޖާގަ ހޯދައިފައެވެ.
އެރިކްސަންއަކީ ކުރިން ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށްވެސް މޮޅު ކުޅުމެއް ކުޅެދިން ކުޅަދާނަ މިޑްފީލްޑަރެކެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް