މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވަނީ އެ ކްލަބު ދޫކޮށްލަން ކަމަށް އިތުބާރުހުރި ނޫސްތަކުން ބުނެފިއެވެ.
މި ހިނގާ ޓްރާންސްފާ ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވެ، އެ ކްލަބަށް އެކަން އަންގާފައިވާ ކަަމަށް ބީބީސީންވެސް ވަނީ ބުނެފައެވެ. އުމުރުން 37 އަހަރުގެ ފޯވަޑް ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ސަބަބެއްގެ ގޮތުގައި މީޑިއާއިން ރިިޕޯޓު ކޮށްފައި ވަނީ ޗެމްޕިއަންސް ލީގު ފުޓުބޯޅަ ކުޅުމަށް ބޭނުންވާތީއެވެ.
ރޮނާލްޑޯއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އަދި އޮތް އިރު، އަންނަ ސީޒަނުގައި ޔުނައިޓެޑުގައި މަޑުކޮށްފިނަމަ ޔުނައިޓެޑު ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ. އެއީ ޔުނައިޓެޑަށް މިދިޔަ ސީޒަން ނިންމާލެވުނީ ހަވަނައިގައި ކަމަށް ވާތީއެވެ. ރޮނާލްޑޯގެ ކެރިއަރުގައި އަދި ޗެމްޕިއަންސް ލީގު ނުކުޅެ، ޔޫރޮޕާ ލީގުގައި ސީޒަނެއް ކުޅެފައެއް ނުވެއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ އަކީ މިދިޔަ ސީޒަނުގައިވެސް ޔުނައިޓެޑްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 21 ގޯލު މިދިޔަ ސީޒަނުގައި ޖަހައިފައެވެ.
ބެލެވޭ ގޮތުގައި ރޮނާލްޑޯ މަޑުކުރުވަން ޔުނައިޓެޑުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ކޯޗު އެރިކް ޓެން ހާގު، ރޮނާލްޑޯ މަޑުކުރުވަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
ރޮނާލްޑޯއަކީ ޕްރިމިއާ ލީގުގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ. އެހެންކަމުން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލައިފި ނަމަ، ޔުނައިޓެޑްގެ ޓްރާންސްފާ ޕްލޭނަށް ބަދަލުތަކެއް އަންނާނެއެވެ. ޔުނައިޓެޑުން ޕްރީ ސީޒަނުގެ ތަމްރީނުތައް ފަށާފައިވާ އިރު، އެޓީމުން އޮތީ ޕްރީ ސީޒަނުގައި ތައިލެންޑާއި އޮސްޓްރޭލިއާއަށް ދާ ގޮތަށެވެ. ރޮނާލްޑޯ ތަމްރީނުތަކަށް ނުކުންނާނީ އަންނަ ހަފުތާގައެވެ.