ގައުމީ ވޮލީބޯޅަ ލީގު

ސިފައިންނާއި ޕޮލިހުން ގައުމީ މުބާރާތުން ޖާގަ ހޯދައިފި

މައިލޯ ގައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށް، ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބުން ގައުމީ މުބާރާތުގެ ޖާގަ ޔަގީން ކޮށްފިއެވެ.

ގައުމީ ލީގުގެ ގަދަ ހަތަރަކަށް ކުރިއަށް އޮތް ގައުމީ މުބާރާތުން ފުރުސަތު ލިބޭނެއެވެ. މިހާރު އޮތްގޮތުން ގައުމީ މުބާރާުތުން ތިން ޓީމެއް ވަނީ ފުރުސަތު ހޯދައިފައެވެ. އެއީ ލީގުގައި ބާކީ މެޗެއް އޮއްވައި، ޗެމްޕިއަންކަން ހޯދި ސްޕޯޓްސް ކްލަބު ސިޓީގެ އިތުރުން އިއްޔެ ކުޅުނު ދެ މެޗުން މޮޅުވި ސިފައިންނާއި ޕޮލިހެވެ.

ސިފައިން ގަދަ ހަތަރެއް ޔަގީންކުރީ އިއްޔެ ހަވީރު ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބު އަތުން މޮޅުވެގެންނެވެ.

އިއްޔެގެ މެޗުގައި ސިފައިން ސެޓުތައް ގެންދިޔައީ 29-27، 25-17 އަދި 25-20 އިންނެވެ. ފުރަތަމަ ސެޓު ހަމަހަމަކޮށް ދިޔަ ނަމަވެސް ދެވަނަ ސެޓުން ފެށިގެން ސިފައިން ފެނުނީ ވަރުގަދަކޮށެވެ. ހާއްސަކޮށް އާދަމް ނަސީމް (އެޑަމް) އާއި އަހުމަދު އަބްދުލްކަރީމް (ލޯންގޭ)ގެ ކުޅުން ފާހަގަވިއެވެ. ތަޖުރިބާކާރު ލޯންގޭގެ ބާރު ހަމަލާތައް މެޗުގައި ފެނުނު އިރު، މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ.

ޕޮލިހުން ގަދަ ހަތަރެއް ޔަގީންކުރީވެސް ސީދާ ތިން ސެޓުން އޮއްފު އެފްސީ ބަލިކޮށްގެންނެވެ. ރޭ ކުޅުނު މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-23، 25-16 އަދި 25-13 އިންނެވެ.

މެޗުގައި ޕޮލިހުގެ ބިދޭސީ ތިން ކުޅުންތެރިންގެ ތަފާތުވެސް ފެނުނު އިރު، އަނޫ ޖޭމްސްގެ ބާރު ހަމަލާތައް ފާހަގަވިއެވެ. ފޯމު ދަށްކޮށް ފެނުނު އޮއްފު ޓީމުން ފުރަތަމަ ސެޓުގައި ކޮންމެވެސް ވަރަކަށް ޕޮލިހަށް ނުރައްކާ ކުރި ނަމަވެސް، އަނެއް ދެ ސެޓު ޕޮލިހުން ގެންދިޔައީ ކޮންޓްރޯލް ދަމަހައްޓައިގެންނެވެ.

ލީގު ބުރުގެ އެއް ވަނައިގައި އޮތް ސިޓީއަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ. ސިފައިންނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ޕޮލިހެވެ. ހަތަރު ވަނައިގައި އޮތް ކްލަބު ވެމްކޯއަށް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ލިބިފައެވެ.

ދެން އޮތް، އޮއްފު އެފްސީ އާއި ގުޑީސްއަށް އަދި މޮޅެއް ނުލިބެއެވެ. ގުޑީސް ތިން މެޗު ކުޅުނު އިރު، އޮއްފު ވަނީ ހަތަރު މެޗު ކުޅެފައެެވެ. ލީގުގެ ގަދަ ހަތަރެއްގެ ފަހު ޖާގައަށް ވާދަކުރަނީ ގުޑީސް އާއި ވެމްކޯއެވެ. މިރޭ ގުޑީސް އަތުން ވެމްކޯ މޮޅުވެއްޖެނަމަ ގަދަ ހަތަރެއް ޔަގީންވާނެއެވެ.

ލީގުގައި މިއަދު އޮތް ހަމައެކަނި މެޗަކީ މިރޭ ގުޑީސް އާއި ވެމްކޯ ކުޅޭ މެޗެވެ. އެ މެޗު ފަށާނީ މިރޭ 8:30 ގައެވެ.