ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަންހެން ޑިވިޝަން ލީގުގެ ފެށުން އެންމެފަހުގެ ޗެމްޕިއަން ވެމްކޯއާއި ޕޮލިސް ކްލަބުންވެސް ރަނގަޅުކޮށްފިއެވެ.

ވީއޭއެމް ކަޕްގެ ގަދަ ހަ ޓީމު ވާދަކުރާ ވޮލީ ލީގު އިއްޔެ ފަށާފައިވާ އިރު، ޕޮލިސް ކްލަބުން އިއްޔެ ހަވީރު ކުޅުނު މެޗުގައި ފްލެކްސާ ސަޕޯޓްސް ކްލަބު ކައިރިން މޮޅުވީ 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކްލަބުން 25-20 އިން ގެންދިޔަ ނަމަވެސް، ފްލެކްސާއިން ވަނީ ދެވަނަ ސެޓު 26-28 ގެންގޮސްފައެވެ. ދެވަނަ ސެޓުގައި ފްލެކްސާއިން ގެންދިޔަ ނަމަވެސް، ދެން ޖެހިގެން އައި ސެޓުގައި ޕޮލިސް ފެނުނީ މާ ވަރުގަދަކޮށެވެ.

އެޓީމުން މެޗު ކާމިޔާބުކުރީ ފަހު ދެ ސެޓު، 25-18 އަދި 25-17 އިން ކާމިޔާބުކޮށްގެންނެވެ.

ރޭ ވެމްކޯއިން ކުޅުނު ފުރަތަމަ މެޗުގައި ހުރާ ބަލިކުރީވެސް 3-1 ސެޓުންނެވެ. ވެމްކޯއިން މެޗުގެ ފުރަތަމަ ދެ ސެޓު ގެންގޮސްފައިވާ އިރު، އެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-19، 25-22 އިންނެވެ.

ތިންވަނަ ސެޓުގައި ހުރައިން ކުޅުން ރަނގަޅުކޮށް، 25-16 އިން އެ ސެޓު ގެންދިޔަ ނަމަވެސް، ވެމްކޯއިން ވަނީ ހަތަރު ވަނަ ސެޓު 25-15 އިން ގެންގޮސް، މެޗު ކާމިޔާބު ކޮށްފައެވެ.