ލީޑްސް ޔުނައިޓެޑްގެ ބްރެޒިލް ވިންގާ، ރަފީނިއޯ ހޯދުމުގެ ރޭސް ފޯރި ގަދަކޮށް ފެންނަ އިރު، ޗެލްސީން ހައިޖެކް ކުރި ޑީލް އެ ކްލަބަށް ކާމިޔާބު ނުވެދާނެ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

ރަފީނިއާ ހޯދުމަށް މާ ކުރިން ފެށިގެންވެސް އާސެނަލް އާއި ބާސެލޯނާއިން މަޝްވަރާތައް ކުރަމުން އަންނަނިކޮށް، ޗެލްސީން ވަނީ ޑީލް ތެރެއަށް ވަދެ، އެ ޑީލް ހައިޖެކް ކޮށްފައެވެ. އާސެނަލް އާއި ބާސާގެ ހުށަހެޅުންތައް ތައްޔާރުކުރަމުން އަންނަނިކޮށް، ފަހުވަގުތު ޗެލްސީން ކުއްލިއަކަށް ހުށަހެޅި ހުށަހެޅުމާއެކު ދެ ކްލަބުން ވަނީ ރަފީނިއާގެ އަގަކަށްވެސް އެއްބަސްވެފައެވެ.

އަގާމެދު ޗެލްސީއާއި ލީޑްސް އެއްބަސްވި ނަމަވެސް، އިއްޔެ ކުރި މަސައްކަތުންވެސް ޗެލްސީއަށް ވަނީ ރަފީނިއާއާއެކު އެއްބަސްވުމަކަށް ނާދެވިފައެވެ. ބައެއް ހަބަރުތައް ބުނާގޮތުގައި ރަފީނިއާގެ އެޖެންޓް، ކުރިން ޗެލްސީއަށް ކުޅުނު ޑެކޯ ބޭނުން ވަނީ އޭނާ ބާސާއަށް ފޮނުވައިލާށެވެ. ރަފީނިއާ ބާސާއަށް ދިޔުމަށް ބޭނުންވާތީ، ޑެކޯ ވަނީ ޗެލްސީއަށްވުރެ ރަނގަޅު ހުށަހެޅުމެއް ބާސާއަށް ލީޑްސްއަށް ހުށަހެޅޭނެތޯ ބަލައިފައެވެ. އެހެން ނަމަވެސް ލީޑްސްއިން ގަބޫލުކުރާ ހުށަހެޅުމެއް ބާސާއަށް ހުށަހެޅޭނެ ކަމާމެދު ޝައްކެވެ.

އިތުބާރު ރިޕޯޓުތައް ބުނެފައިވާ ގޮތުން އުމުރުން 25 އަހަރުގެ ރަފީނިއާއާއަށް ޗެލްސީ އާއި ލީޑްސް އެއްބަސްވެފައިވާ އަގަކީ 65 މިލިއަން ޕައުންޑެވެ. ޗެލްސީގެ އާ ޗެއާމަން ޓޮޑް ބޯލީ ޓްރާންސްފާގެ ކަންކަމާ މަޝްވަރާތައް ކުރަމުން އަންނައިރު، އެންމެ ބޮޑު ޗެލެންޖަކަށް ދިމާވަމުން އަންނަނީ ޕާސަނަލީ ރަފީނިއާއާއެކު އެއްބަސްވުމަކަށް ދިޔުމެވެ. ޗެލްސީގެ ޑީލްއަށް ރަފީނިއާ އާނބަސް ނުބުނެ ދެމިގެންދާ ވަގުތު، އެހެން ކްލަބަކުންވެސް އެ ޑީލަށް ވަނުން ގާތެވެ. އެހެންކަމުން މިއަދާއި މާދަމާ ރަފީނިއާ ޑީލްގައި މުހިއްމު ކަންތައްތަކެއް ހިނގާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރަފީނިއާ މި ވަގުތު ލީޑްސްގެ ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ލީޑްސް އިން 2019 ވަނަ އަހަރު ރަފީނިއާ ގަތީ ފްރާންސްގެ ރެނެސް އަށް 25 މިލިއަން ޑޮލަރު ދީފައެވެ. ރެނެސްއަށް ކުޅުމުގެ ކުރިން ސްޕޯޓިން ލިސްބަންއަށްވެސް ކުޅުނު ރަފީނިއާ ވަނީ ލީޑްސްއަށް ލީގުގައި ކުޅެދިން 65 މެޗުގައި 17 ގޯލު ޖަހައިދީފައެވެ.

ލީޑްސް ދޫކޮށް ރަފީނިއާ ބޮޑު ކްލަބަކަށް ދާން ބޭނުންވީ ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލް ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދަން ބޭނުންވާތީ އެވެ. ބްރެޒިލްގެ ކޯޗު ޓީޓޭ ފަހަކަށް އައިސް ރަފީނިއާ އަށް ގައުމީ ޓީމުގެ މެޗުތަކުން އަންނަނީ ފުރުސަތު ދެމުންނެވެ.