ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

އެފްއޭއެމުންވެސް ނިއުގެ ސަސްޕެންޝަން އުވާލައިފި

ދަރަނީގެ މައްސަލަތަކުގެ ސަބަބުން ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައިވާ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސަސްޕެންޝަން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިރޭ އުވާލައިފިއެވެ.

ނިއުގެ ޓްރާންސްފާ ބޭން އާއި ފީފާގެ ސަސްޕެންޝަން މިދިޔަ ހަފުތާގެ ތެރޭގައި ފީފާއިން އުވާލާފައިވާ އިރު، އެފްއޭއެމްއިން ސަސްޕެންޝަން އުވާލިކަން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކަށަވަރު ކޮށްދީފައެވެ.

ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. ބިދޭސީ އަދި ދޭސީ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ބޮޑެތި އަދަދުތަކުން ނުދީ އޮތް މުސާރަތަކުގެ މައްސަލައިގައި ނިއު ރޭޑިއަންޓް ފުރަތަމަ ސަސްޕެންޑް ކުރީ އެފްއޭއެމުންނެވެ. އޭގެ ފަހުން ބިދޭސީ ކޯޗުންނާއި ކުޅުންތެރިންގެ މައްސަލަތައް ބަލައި، ފަހުން ފީފާއިންވެސް ވަނީ ނިއު ރޭޑިއަންޓް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފައެވެ.

ނިއު އަލުން ފުޓުބޯޅައަށް ގެނައުމަށް އެކި ފަހަރު މަސައްކަތްކޮށް، އެންމެފަހުން ހަރުދަނާ ފިޔަވަޅެއްގައި އެކަން ކުރަން ފެށީ އަހުމަދު ވާސިފް ޗެއާމަނު ކަމަށް އިންތިހާބު ކޮށްގެންނެވެ. އެ މަސައްކަތަށް އެފްއޭއެމް އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބެކިން ދީފައިވާ އިރު، އެފްއޭއެމްއިން އެންމެފަހުން ބޭއްވި އާންމު ޖަލްސާގައި ނިންމާފައި ވަނީ ދަރަނި އަދާކުރުމުން، "އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް"އަކަށް ނުގޮސް، ނިއުގެ ސަސްޕެންޝަން އެފްއޭއެމް ބޯޑަށް އުވާލެވޭނެ ގޮތަށެވެ.

އެހެންކަމުން، މިރޭ އެފްއޭއެމްއިން ނިއުގެ ސަސްޕެންޝަން އުވާލީ އެކްސްކޯ ބައްދަލުވުމުގައެވެ. ބިދޭސީ ކުޅުންތެރިންގެ ފައިސާ ނިއުއިން އެއްކޮށް ހަމަޖައްސާފައިވާ އިރު، ދިވެހި ކުޅުންތެރިންގެ މުސާރަތަކަށް ވަނީ އެއްބަސްވުމަކަށް ގޮސްފައެވެ. އަދި ކުޅުންތެރިންގެ މުސާރަ ބައިބަޔަށް ބަހާލައިގެން ދޭން ފަށާފައިވެސްވެއެވެ.

ސަސްޕެންޝަނުގައި އޮއްވައި ނިއުއިން ވަނީ ދެވަނަ ޑިވިޝަނުގައި ވާދަކުރަން ފަރިތަކުރުންތައްވެސް ފަށައިފައެވެ. ސޮބާހް މުހައްމަދު އިބްރާހިމްގެ ކޯޗު ކަމުގައި ނިއު އިން އަންނަނީ، އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. ފީފާގެ ޓްރާންސްފާ ބޭން އިން ކްލަބް ސަލާމަތްވުމުން ބިދޭސީ ކުޅުންތެރިން ވެސް ޓީމަށް ގެނައުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު ދިވެހި ކުޅުންތެރިންވެސް ޓީމަށް ރަޖިސްޓްރީ ކުރާނެއެވެ

ނިއުގެ ސަސްޕެންޝަން އުވާލުމުގައި ގިނަ ފަރާތްތަކެއްގެ ބައިވެރިވުން

ނިއުގެ ސަސްޕެންޝަން އުވާލުމަށް އާ ހިންގާ ކޮމިޓީން ފެށި މަސައްކަތަށް ސަރުކާރުގެ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ނިއުގެ ސަސްޕެންޝަން އުވާލުމުގެ މަސައްކަތް ހިނގަމުން ގޮސްފައި ވަނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޭސްތިރިކަމުގެ ދަށުން ކަމަށް ކްލަބުގެ އާ ޗެއާމަން އަހުމަދު ވާސިފް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ދިވެހި ކުޅުންތެރިންގެ ތެރެއިން މުހިއްމު ބައެއް ކުޅުންތެރިން ވަނީ ނިއުގެ ދަރަނިތައް މައާފުވެސް ކޮށްދީފައެވެ. ހާއްސަކޮށް އަލީ އަޝްފާގު (ދަގަނޑޭ) އާއި އިމްރާން މުހައްމަދު (އިންމަ) ވެސް ވަނީ ބޮޑެތި އަދަދުތަކެއްގެ ފައިސާ ނިއުއަށް މައާފު ކޮށްދީފައެވެ. ފައިސާ މައާފު ކޮށްދިންކަން "ވަން" އަށް ދަގަނޑޭ ވަނީ ޔަގީންވެސް ކޮށްދީފައެވެ.

ނިއު އަލުން ފުޓުބޯޅައަށް އައުން ވެގެންދާނީ ދިވެހި ފުޓުބޯޅައަށް ލިބުނު ދިރުމަކަށެވެ. ހާއްސަކޮށް ގިނަ ސަޕޯޓަރުންތަކެއް އޮތް ނިއު އަލުން އަނބުރާ ފުރަތަމަ ޑިވިޝަނަށް ގޮސްފިނަމަ، ލީގުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެއެވެ.