ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފިއެވެ.
ނިއު އިން އެފްއޭ ކަޕްގެ ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި ފަސޭހަކަމާއެކު ބްލޫ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. އަދި ޓީސީން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ފައިނަލުގައި، އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކްލަބު ނިއު އިން ޓީސީގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
ދާދި ހަމަހަމަ ކުޅުމަކާއެކު ކުޅެމުންދަނިކޮށް، މެޗުގެ 19 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އަލީ ފާސިރު (ސެންޓޭ) އަށް ޓީސީގެ ހަސަން އީނާޒް ކުރި ފައުލަކާ ގުޅިގެން ނިއުއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. "ޕެނަންކާ" އަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނިއުއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނިއުގެ ކެޕްޓަން ބޭންޑާއެކު މެޗު ފެށި ސެންޓޭއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ނިއު އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ނިއުގެ ބިދޭސީ ފޯވަޑް އަލް ހާޖީ ގެރޯ ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޓީސީގެ ބިދޭސީ ޑެނިއެލް އެމަނުއެލް އެޔިބިއޯގެ އަތުގައި ޖެހި އަރިމަތީ ދަނޑީގައި ޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ނިއު އިން ވަނީ އެޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިފައެވެ. އެއާއެކު ދަގަނޑޭ ވަނީ ނިއުގެ އެޓޭކު އިތުރަށް ވަރުގަދަވެ، ބޯޅަ ހިފެހެއްޓުމަށް އޭނާ މަސައްކަތްކުރުމުން އެކަމުގެ އުނދަގޫތަކާ ޓީސީގެ ޑިފެންޑަރުން ކުރިމަތިލާން ޖެހުނެވެ.
މެޗުގައި ނިއު އިން ޖެހި ތިންވަނަ ގޯލު ފެނިގެންދިޔައީ މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށެވެ. ގިލޭމޭ ލުއިސް ގޮމޭސް ޑަ ސިލްވާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ނިއުއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ގެރޯ އެވެ.
މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ނިއުއަށް ދެ ގޯލު ކާމިޔާބުކޮށްދިން ގެރޯއެވެ.
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ