އެފްއޭ ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓުން ކުޅުނު މެޗުގައި، އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކަކާއެކު 7-0 އިން ބްލޫ ސްޕޯޓްސް ކްލަބް ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ނިއު އިން 4-0 އިން އޮޑި ބަލިކުރި މެޗުގައި ވެސް ސެންޓޭ ހެޓްރިކެއް ހެދިއެވެ. މިއަދު ނިއުއިން ވާދަކުރި ބްލޫ އަކީ ތިންވަނަ ޑިވިޝަނުގެ ކްލަބެކެވެ. އެފްއޭ ކަޕްގެ ކުއާޓާގައި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަކީ އެޓީމުން ފުރަތަމަ ފަންތީގައި ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. ބްލޫ ސެމީއަށް ދިޔައީ ވަރުގަދަ އީގަލްސް ކަޓުވާލައި، ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ.

ބާރަ ފަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ނިއު އިން މުބާރާތުގައި އެންމެ ފަހުން ކުޅުނު ފަހަރު، 2017 ވަނަ އަހަރު ވެސް ފައިނަލުގައި ކުޅުނެވެ. އޭގެފަހުން 2020 އާއި 2022 ވަނަ އަހަރުގެ މުބާރާތް ބޭއްވިއިރު، ނިއު އޮތީ ސަސްޕެންޝަނެއްގައެވެ.

މިފަހަރު ސީޒަނުގެ އެންމެ ފަހު މުބާރާތުގެ ފައިނަލަށް ނިއު ގޮސްފައިވާ އިރު، މިފަހަރު އެފްއޭ ކަޕް ނަގާނީވެސް އަދި ތަށްޓެއް ނުލިބި އޮތް ޓިމަކުންކަން ވަނީ ޔަގީންވެފައެވެ. އެއީ ލީގު ނެގި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޕްރެސިޑެންޓްސް ކަޕް ނަގާފައި އޮޑި މުބާރާތުން ކަޓާފައިވާތީއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ވަނީ ފަސް ގޯލް ޖަހައިފައެވެ. އޭގެ ތެރެއިން ދެ ގޯލް ނައިޖީރިއާ ފޯވާޑް، އަލް ހާޖީ ގޭރޯޖެހި އިރު، ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި، އަބްދުލާއީ އެބިލިޓީވެސް ގޯލް ޖެހިއެވެ.

ދެ ވަނަ ހާފުގައި ކުޅެން އަރައި، ދެ މިނިޓް ތެރޭގައި ނިއުއިން އެ ޓީމުގެ ހަ ވަނަ ގޯލް ޖެހިއެވެ. އެ ގޯލް ޖެހީވެސް ސެންޓޭއެވެ. އޭގެފަހުން ސެންޓޭ ހެޓްރިކް ފުރިހަމަ ކުރީ މެޗު ނިމިނިމި އޮއްވައެވެ.