އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާއެކު އެފްއޭ ކަޕްގެ ސެމީ ފައިނަލް ދެވަނަ ޖާގަ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓުން ހޯދައިފިއެވެ.

މިހާތަނަށް 12 ފަހަރު އެފްއޭ ކަޕް ހޯދާފައިވާ ނިއުއިން ސެމީ ޔަގީންކުރީ އޮޑި ސްޕޯޓްސް ކްލަބު ކައިރިން 4-0 އިން މޮޅުވެގެންނެވެ. މިއީ 2017 ވަނަ އަހަރު ނިއުއިން މުބާރާތް ކާމިޔާބުކުރި ފަހުން، އެޓީމުން އެފްއޭ ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އޭގެފަހުން 2020 އަދި 2022 ވަނަ އަހަރު އެފްއޭ ކަޕް ބޭއްވި ނަމަވެސް، އޭރު ނިއު އޮތީ ސަސްޕެންޝަނުގައެވެ. 2020 ވަނަ އަހަރު އެފްއޭ ކަޕް ވަކި ހިސާބަކުން މެދުކަނޑާލީ ކޮވިޑް 19 ގެ ސަބަބުންނެވެ.

ޕްރެޒިޓެންޑްސް ކަޕް ކާމިޔާބުކޮށް ތާރީހު ލިޔެލި އޮޑިން މެޗު ރަނގަޅަށް ފެށި ނަމަވެސް، 20 ވަނަ މިނެޓުގައި ސެންޓޭގެ ހިތްގައިމު ހިލޭ ޖެހުމަކުން ނިއު ލީޑު ނެގިއެވެ.

އޭގެފަހުން 30 ވަނަ މިނެޓުގައި ސެންޓޭގެ އިތުރު ގޯލެއް ފެނިގެން ދިޔައެވެ. މެދުތެރެއިން ދުއްވާލި ބޯޅައަކުން ސެންޓޭ ގޯލް ޖެހީ، އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އޭގެ ފަހުންވެސް ފުރަތަމަ ހާފުގައި ސެންޓޭއަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް ނިންމާލެވޭ ގޮތެއް ނުވިއެވެ. އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ނައްޓާލާފައި ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް އޮޑީގެ މުޒްދާން ހަސަނާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ) ގެ ނުރައްކާ ފެނުނު ނަމަވެސް، އަނެއްކާވެސް ގޯލް ޖެހީ ނިއުއިންނެވެ. އެގޯލްވެސް ޖެހީ ސެންޓޭއެވެ.

ފޯމުގައި ހުރި ސެންޓޭ ހެޓްރިކް ފުރިހަމަކޮށް، ނިއުއަށް ސެމީގެ އުންމީދު އިތުރަށް ބޮޑުކޮށްދިން އިރު، އެޓީމުގެ ފަހު ގޯލް ޖެހީ ނައިޖީރިއާ ފޯވާޑް އަލް ހާޖީ ގޭރޯއެވެ. ފަހު ކޮޅުގައި އަލީ އަޝްފާގު (ދަގަނޑޭ) ވެސް ކުޅެން ނެރެފައިވާ އިރު، ނިއުއިން ސެމީގައި ނުކުންނާނީ މިއަދު ހަވީރު ކްލަބު އީގަލްސް ކަޓުވާލި، ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ކުއާޓާ ފައިނަލުގައި ޓީސީން ކުޅޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާދެކޮޅަށެވެ. އަދި ކުއާޓާ ފަހު މެޗުގައި މާދަމާރޭ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.