ކޮއްކޯފުޅު ނާޒިމް ސައްތާރު ދިފާއުކުރައްވައި ލިބެން ޖެހޭ އަދަބެއް ހުއްޓުވަން މަސައްކަތް ނުކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނާޒިމްކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ މައްސަލައިގެ ނާޒިމް ފުލުހަށް ވަނީ ހާޒިރުކޮށްފައެވެ. އަދި އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

މަޖިލީހުން މިރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އެ ވީޑިއޯ ގުޅޭގޮތުން މީހަކު ކުރި ސުވާލެއްގައި ބުނީ، ނާޒިމްއަށް ލިބެންޖެހޭ އަދަބު ލިބުނަ ނުދީ ދިފާއުކުރައްވަން ނަޝީދު މަސައްކަތްކުރައްވާ ކަމަށެވެ.

އެ ސުވާލާ ގުޅިގެން ނަޝީދު ވިދާޅުވީ، އެއްވެސް މީހަކަށް ދޭން ޖެހޭ ހައްގު އަދަބެއް ހުއްޓުވަން އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ.

"އެއް ގޮތަކަށް ވެސް އަޅުގަނޑުގެ ކޮއްކޮއަށް ލިބެން ޖެހޭ ހައްގު އަދަބެއް ނުދޭން އަޅުގަނޑު ނުދަންނަވާނަން، އަދި އެއްވެސް މީހަކަށް ލިބެން ޖެހޭ ހައްގު އަދަބު ލިބުން ހުއްޓުވުމަކަށް ވެސް އަޅުގަނޑު ނުދަންނަވާނަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ކަމެއް ހިނގުމުން އެކަމެއްގެ ދެކޮޅު ނުބަލައި އެކަމަކާ ގުޅިގެން ބަސް ބުނެ އަދަބު ދޭން އުޅުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފުކަމެއް ކަމަށެވެ.

އެމަނިކުފާނަށް ނާންގަވައި ފުލުހަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައިވަނީ ބައެއް މަޖިލިސް މެމްބަރުން ކަމަށް ބެލެވޭ ބައެއްގެ ފޮޓޯ އާންމުވެފައިވާތީ ކަމަށް ނަޝިދު ވިދާޅުވިއެވެ.

އެގޮތަށް ވިދާޅުވީ، މެމްބަރުން އެކިއެކި ކަންކަމުގައި ފުލުހަށް ހާޒިރުކުރުމުގެ ސަގާފަތެއް ރާއްޖޭގައި ކުރިން އޮތް ކަމަށާއި އެމަނިކުފާނު ފުލުހުން ބޭނުންވާ ކޮންމެ މެމްބަރަކު ހާޒިރުކުރުމުގެ ފުރުސަތު ދެއްވައިފިނަމަ، ފުލުހުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައިފާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މެމްބަރުން އެގޮތަށް ފުލުހަށް ހާޒިރުކޮށް ސުވާލުކުރާނަމަ، އެކަމުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށެވެ. އަދި އެކަން އެހެންވިޔަ ނުދިނުމަށް މެމްބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭގޮތަށް ގަވާއިދު ހަދާފައިވާ ކަމަށެވެ.

ނާޒިމްގެ މައްސަލަ އާއި މެމްބަރުންގެ މައްސަލަ ތަފާތުވަނީ އެހެންވެގެން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.