އެމްޑީޕީ ނޫން ޕާޓީއަކުން އެމަނިކުފާނު ފެނިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނު މަރުވުމާ ހަމައަށް ވެސް ހުންނާނީ އެމްޑީޕީގައި ކަމަށާއި އެ ޕާޓީއަކީ ދުރުވިސްނޭ ޕާޓީއެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"އެމްޑީޕީ ނޫން ތަނަކު ދުވަހަކުވެސް، ދުވަހަކުވެސް އަޅުގަނޑެއް ނުފެންނާނެ. އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރެއް. އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑު މަރުވެދާނީވެސް އެ ގޮތުގައި ކަމަށް. އެހެންވީމަ އެ ނޫން ގޮތަކަށް އެކަމެއް ނުފެންނާނެ،" ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްއާ އެކު އެމްޑީޕީން ކޯލިޝަން ހެދުން މުހިންމު ކަމަށެވެ.

ކުރިއަށް އޮތް 2023 ގެ އިންތިހާބުގައި ވާދަކުރަން ސިޔާމްވެސް ވަނީ ނިންމަވައިފައެވެ.

ނަޝީދު ވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެމްޑީޕީއަށް ތިން ވަނަ ފިކުރެއް ބޭނުންވާ ކަމަށާއި އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ފުރިހަމަވާ ބޭފުޅެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.