ޚަބަރު

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅުގޮތެއް ނޫން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅުގޮތެއް ނޫން ކަމަށް މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ މަޖިލީހުގެ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި, ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތްތޯ އަދި ކާމިޔާބު ނުކުރެއްވިއްޖެނަމަ ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެތޯ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރައްވަނީ މޮޅުވާން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބުން ވެސް ކާމިޔާބު ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ކުރިމަތި ލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ނުކުންނަވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޝާހިދު އަރިހުގައި ވިދާޅުވެފައިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޝާހިދަކީ ވެރިކަން ކުރެއްވުމަށް "ރުކުން" ފުރިހަމަވާ ބޭފުޅެއްކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"ދެން މި ކުރިއަށް އޮތް ތަނުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީން ނުކުންނާނީ ތިން ވަނަ ބޭފުޅެއްތޯ އެ ސުވާލު އެމްޑީޕީ ހުރިހާ މެންބަރުން ވެސް ކުރައްވާނެ، އަޅުގަނޑު ގަބޫލުކުރަނީ މި ސުވާލުތަކުގެ ޖަވާބު ކުރިއަށް މިއޮތް ހަފުތާތަކުގެ ތެރޭގައި ލިބޭނެ،" ނަޝީދު ވިދާޅުވިއެވެ.

މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ 2023ގައި އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ މުޅި ރާއްޖެއަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.

އަދި އެމްޑީޕީން ވެރިކަން ބޭނުން ނަމަ އެމަނިކުފާނަކީ 'ޗޮއިސްއެއް' ކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކޯލިޝަނަކާއެކު އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވެފައެވެ