ޚަބަރު

ކަނޑުތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ޝައުނާ

މުހައްމަދު ޖަމްޝަތް ވަހީދު

ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކޮށް، އަދި ކަނޑުތައް 100 އިންސައްތަ ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް، ބައިނަލްއަގުމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ހައިސިއްޔަތުން، އދ ގެ އޯޝަން ކޮންފަރެންސްގެ އާއްމު ބަހުސްގައި ދެއްވި ބަޔާނުގައެވެ. ޕޯޗުގަލް ސަރުކާރާއި ކެންޔާ ސަރުކާރު ގުޅިގެން ބާއްވާ މިކޮންފަރެންސް ކުރިޔަށްދާނީ، ޖޫންމަހުގެ 27 އިން ޖުލައި މަހުގެ އެއް ވަނަ ދުވަހަށް، ޕޯޗުގަލްގެ ލިޒްބަންގައެވެ.

އެ ކޮންފަރެންސްގެ އާއްމު ބަހުސްގައި ޝައުނާ ދެއްވި ބަޔާނުގައި ވިދާޅުވީ، "ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމް ވޯކް 2020" އެކުލަވާލުމަށް ފަހުގައި، ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި ފައިދާ ކުރަނިވި ހަރުދަނާ އަވަސް ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަންޖެހިފައިވާ ކަމަށެވެ. 

މިނިސްޓަރު ޝައުނާ ދެއްވި ބަޔާނުގައި ވިދާޅުވީ ދިވެހިންގެ ދިރިއުޅުން ކަނޑުތަކުގެ މައްޗަށް ބަރޯސާވެފައިވާވަރު ފާހަގަކުރައްވައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް ކަމަށާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ތިންބައިކުޅަ ދެބައި، އަދި ޖީޑީޕީގެ 60 ޕަސެންޓް ބަރޯސާވެފައި ވަނީ ކަނޑުގެ ދިރުންތަކަށް ކަމަށެވެ. އަދި ކަނޑުތަކަކީ ރާއްޖޭގެ ރައުސްމާލު ކަމަށާއި، ދުނިޔޭގެ ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަރާތްތައް ޝައުގުވެރިކުރުވުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުމަށް ކަނޑުތައް ރައްކާތެރިކުރަންޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިބަޔާނުގައި މިނިސްޓަރު ވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުތައް ވިހަ މާއްދާތަކުން ތަޣައްޔަރުވަމުން ދިޔުމާއި، މަސްއައިންތައް ދަތުރުކުރާ ގޮތަށް ބަދަލުއައުމާއި، އެކަމުގެ ސަބަބުން އިންސާނުންގެ އަސާސީ ކާނާގެ ވަސީލަތްތަކަށް ކުރިމަތިވާނޭ ނުރައްކަލާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވައިފައެވެ. މީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ފަރުތަކަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށްވެސް އެކަމަނާ އަލި އަޅުއްވައިލެއްވިއެވެ. ކަނޑުތަކަށް އުކައިލެވޭ ޕްލާސްޓިކް ކުނިބުނީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ނިޒާމަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރައްވައި، ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަން ދެމެހެއްޓުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށްދެއްވުމަށް ޝައުނާ ގޮވާލެއްވިއެވެ.

ޝައުނާ ފާހަގަކުރެއްވި ގޮތުގައި، ކަނޑުތަކުގެ ދިރުންތައް ނެތިވެ މަރުވަމުންދާއިރު އެކަންކަމަށް އަޅައިނުލައި ދޫކޮށްލައިގެން ތިބުން ދިވެހިން ނޭދޭ ކަމަށާއި، ކަނޑުތަކުގެ ނިޒާމާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

މިގޮތުން ރާއްޖޭގައި ޒަމާނުއްސުރެ މަސްވެރިކަން ކުރެވެމުން އައި ގޮތަށް ބަލާއިރު، ދޮށީގެ މަސްވެރިކަން އަމާޒުވަނީ އެބަޔަކު ބޭނުންވާ މަސްތަކެއް ބޭނުމަށްކަން ފާހަގަކުރައްވައި، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމާއި، ރިޕޯޓް ނުކުރެވޭ އަދި ނުބެލެހެއްޓޭ ގޮތެއްގައި ކުރެވޭ މަސްވެރި ކަމަކީ، ރާއްޖެ ފަދަ ކުދި ގައުމުތަކާއި އައްސޭރި ފަށުގެ މުޖުތަމައުތަކުގެ މަސްވެރިކަމުގެ ސިނާއަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ. އަދި ރިޕޯޓްނުކުރެވޭ އަދި ބެލެހެއްޓުމެއް ނެތި ގަވާއިދާ ހިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑަކަށް ވުމަށްވެސް ޝައުނާ ގޮވާލެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރާ މައިގަނޑު ބައެއް މާކެޓްތަކުން ނަގާ ފީ ބޮޑު ކަމަށާއި، ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި އިގުތިސާދެއް އޮތް ފުދުންތެރި ގައުމަކަށް ވުމަށްޓަކައި ދުނިޔޭގެ އެހެންގައުމުތަކުގެ އެއްބާރުލުންވެސް ރާއްޖެއަށް ބޭނުންވާކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ނިންމެވުމާ އެއްގޮތަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ 13 ބާވަތެއްގެ ޕްލާސްޓިކް ތަކެތި، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މުޅިން ހުއްޓާލުން ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ 79 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާއިރު އޭގެތެރޭގައި ހިމެނޭ 14 ޕަސެންޓަކީ މުރަކައިގެ ފަރުތައް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.