އާސެނަލް

ގެބްރިއަލް ޖީސަސް އާސެނަލްގެ މެޑިކަލް ފުރިހަމަކޮށްފި

މެންޗެސްޓާ ސިޓީ ދޫކޮށް އާސެނަލްއަށް ދިޔުމަށް ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ޖީސަސް މެޑިކަލް ފުރިހަމަ ކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ޖީސަސް ގެންދަން އާސެނަލްއާއި ސިޓީން އެއްބަސްވުމަކަށް އައިސްފައި ވަނީ 45 މިލިއަން ޕައުންޑުގެ އަގަކަށެވެ. އާސެނަލްއިން ޖީސަސްގެ ސޮއި ހޯދީ އެހެން ގިނަ ކްލަބުތަކަކުންވެސް އޭނާ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭގެ ތެރޭގައި ޗެލްސީއާއި ބާސެލޯނާ ހިމެނެއެވެ.

ސިޓީ ދޫކޮށްލަން ޖީސަސް ނިންމާފައި ވަނީ އެ ކްލަބަށް 236 މެޗު ކުޅުމަށްފަހުއެވެ. 2017 ވަނަ އަހަރު ބްރެޒިލްގެ ޕަލްމޭރާސްއިން ސިޓީއާ ގުޅުނު ޖީސަސް ވަނީ އެ ކްލަބަށް 95 ގޯލު ޖަހައިދީފައެވެ. ސިޓީއާއެކު ޖީސަސް ވަނީ ހަތަރު ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށް، ތިން ފަހަރު ލީގު ކަޕާއި އެފްއޭ ކަޕުވެސް ކާމިޔާބު ކޮށްފައެވެ.

ޖީސަސް ސިޓީ ދޫކޮށްލަން އެންމެ ބޮޑަށް މަސައްކަތް ކުރި ސަބަބެއް ކަމަށް ބެލެވެނީ ޓީމެއްގެ ފުރަތަމަ 11 އިން ޖާގަ ހޯދުން މުހިއްމުވާތީ ކަމަށް ބެލެވެއެވެ. އެއީ މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕުގައި ވާދަކުރާ ބްރެޒިލްގެ ގައުމީ ޓީމު ސްކޮޑުން ޖާގައެއް ހޯދުމަށެވެ. އެހެން ނަމަވެސް ސިޓީގެ ފުރަތަމަ 11 އަށް ޖީސަސްއަށް އޮތީ ފުރުސަތު ހަނިވެފައެވެ. އެއީ އެ ކްލަބުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފޯވަޑް، އާލިން ހާލަންޑް ގެންދިޔުމުންނެވެ.

ޖީސަސް ވަނީ މީގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ކޯޗުކަމުގައި މަސައްކަތް ކޮށްފައެވެ. އެއީ އާޓެޓާ، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރިއިރުއެވެ.