ޚަބަރު

ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެއް ހަދަން ގޮވާލައިފި

މުހައްމަދު އިޝާން

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށްޓަކައި ގަލޮޅު ދަނޑުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ހަރަކާތުގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ފުލުހުން ފެއިލްވި މައްސަލައިގެ އިންކުއަރީއެއް ހަދަން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ގޮވާލައިފިއެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުވި ސިޓީއެއްގައި އާދަމް ޝަރީފު ވިދާޅުވީ، ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަފީރުން ބައިވެރިވެވަޑައިގަންނަވާކަން ފުލުހުންނަށް ނޭނގޭކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވާ ކަމަށެވެ.

އަދި ޔޯގާ ހަރަކާތް ކުރިއަށް ދިޔަ ވަގުތު ގަލޮޅު ދަނޑަށް ބަޔަކުވަދެ އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ، ފުލުހުންގެ ސެކިއުރެޓީ ބްރީޗުވުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން އިއްޔެ ބުނެފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ޔޯގާ ހަރަކާތް ހިންގުމާމެދު ބައެއް ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސަރުކާރާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަފީރުން ބައިވެރިކޮށްގެން ޔޯގާ ހަރަކާތް ކުރިއަށް ގެންދިޔައިރު، އެކަށީގެންވާ ގޮތުގައި ސެކިއުރެޓީ ނުބެލެހެއްޓުމުގެ ސަބަބުން ހިނގާފައިވާ ހަމަނުޖެހުމުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ ސުލްހަމަސަލަސް ކަމާމެދު ދެކޭގޮތް ބަދަލުވެ، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ގާބިލުކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

"ވީމާ ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވި ދުވަހު އެތަނުގެ ސެކިއުރެޓީ ބްރީޗުވުމަށް މަގުފަހިވި ސަބަބުތަކާއި ކުރިމަގުގައި އެފަދަކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ފުލުހުންގެ ތެރޭގައި ފިޔަވަޅު އަޅައިފައިވާނަމަ، އަޅައިފައިހުރި ފިޔަވަޅުތައް ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށް ބަލައިދެއްވުން އެދެމެވެ،" އާދަމް ޝަރީފު ވިދާޅުވިއެވެ.

ނަޝީދަށް ފޮނުއްވި ސިޓީ ޓުވިޓާގައި އާންމުކުރައްވައި އާދަމް ޝަރީފު ވިދާޅުވީ، ޔޯގާ ބޭއްވި ދުވަހު ސެކިއުރެޓީ ބްރީޗުވުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

"ސެކިއުރެޓީ ބްރީޗުވި ގޮތުގެ ފުރިހަމަ އިންކުއައިރީއެއް ހެދުމަށް ގޮވައިލަން. އެކަން ކުރެވޭނީ ހޯމް މިނިސްޓަރު އާއި ސީޕީ މުހައްމަދު ހަމީދު ސަސްޕެންޑް ކޮށްގެން" އާދަމް ޝަރީފު ވިދާޅުވިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ވަނީ މުއްދަތު ޖަހައިފައެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.