ޚަބަރު

ނޫރުގެ މަރު: ޝަމްލު އާއި ޝަމީހުގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށް

މުހައްމަދު އިޝާން

1

ނޫރު އާދަމް ހަސަންފުޅު މަރާލިކަމުގެ ދައުވާ ލިބޭ ފުވައްމުލަކު ސިޓީ، ނޯވެލް، މުހައްމަދު ޝަމްލު އާއި އެ ސިޓީގެ ޝައިނީ، މުހައްމަދު ޝަމީހުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޝަމްލު އާއި ޝަމީހުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ދައުލަތުން ކުރީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު ނޫރު އައިޖީއެމްއެޗް ހޮސްޕިޓަލުގެ އެމެޖެންސީ ގޭޓް ކުރިމަތިން ބުރުޒު މަގުގައި ޕާކުކޮށްފައިވާ ސައިކަލްތަކާ އަރައި ހަމަވި ވަގުތު ޝަމްލު އާއި ޝަމީހު ސައިކަލުގައި ގޮސް، އެ ދެ މީހުންގެ ތެރެއިން ޝަމްލު ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން ކުއްޖަކު ތިލައިގެ އަށް އިންޗި ހުރި ވަޅިއަކުން ނޫރަށް ހަމަލާ ދިނުމުން، ޝަމްލު އެ ހަމަލާ ދިން ކުއްޖާ ގޮވައިގެން އެ ސަރަހައްދުން ގޮސްފައި ވާތީއެވެ.

ދައުލަތުން ވަނީ ޝަމްލު އާއި ޝަމީހުގެ މައްޗަށް ކުށް ސާބިތުކުރުމަށް 15 ހެކިވެރިއަކު ހުށަހަޅައިފައެވެ. ޝަމްލު ވަނީ ދިފާއުގައި ފަސް ހެކިވެރިއަކު ހުށަހަޅައިފައެވެ. ޝަމީހުގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅައިފައެއް ނުވެއެވެ.

ދައުވާއަށް ދެ މީހުން އިންކާރުކުރުމުން ޝަރީއަތުން ވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަގައިފައެވެ. ހެކިބަސް ދިން ހުރިހާ ސިއްރު ހެކިވެރިން ބުނެފައި ވަނީ ނޫރުއަށް ވަޅިން ހަމަލާދިނީ ޝަމްލު ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން މި މައްސަލައިގެ ތޫނު އެއްޗަކުން ހަމަލާދީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާލިބޭ ކުއްޖާ ކަމަށެވެ.

އެ ތިން މީހުންނަކީ ބިސްބުރު ގްރޫޕަށް ނިސްބަތްވާ މީހުން ކަމަށާއި ހަމަލާ ދިނުމުގެ ކުރިން ދައުވާ ލިބޭ މީހުން އައިޖީއެމްއެޗް ސަރަހައްދުގައި ސައިކަލުގައި އުޅުނު ކަމަށެވެ. އަދި ނޫރުއަށް ހަމަލާދީ ނިމެންދެން ޝަމްލު އާއި ޝަމީހު މަޑުކޮށްގެން ތިބި ކަމަށް ވެސް ވަނީ ހެކިބަސް ދީފައެވެ.

މީގެ އިތުރުން އެ 18 އަހަރުން ދަށުގެ ކުއްޖާ ތަހުގީގަށާއި ޖުވެނައިލް ކޯޓަށް ދީފައިވާ ބަޔާނުގައި ވަނީ އެރޭ ޝަމްލު އާއި ޝަމީހުއާއެކު އުޅުނު ކަމަށާއި ވަޅި ޖެހުމަށްފަހު އެ ސަރަހައްދުން ދިޔައީ އެ މީހުންނާ އެކު ކަމަށެވެ.

ނޫރުގެ ހަށިގަނޑު ބެލި ޑޮކްޓަރު ހެކިބަސް ދެމުން ބުނެފައި ވަނީ ނޫރުގެ ކަނާތް ފަރާތްތުގެ މޭމަތިން ފެށިގެން ވާތް ފަރާތާ ހަމައަށް ފުންކޮށް ވަޅި ދަމައިފައިވާ ކަމަށެވެ. އަދި ހިތުގެ ޕޮސްޓްރީއާ ލެވެލްއިން ހިތާހަމައަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އެ ޒަހަމުގެ ދިގުމިނުގައި ތިން އިންޗި ހުރިއިރު، ފުޅާ މިނުގައި ދެ އިންޗި ހުރި ކަމަށް އޭނާ ބުނެފައިވެއެވެ. ނޫރުއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކީ ކޮބައިތޯ ސުވާލުކުރުމުން ޑޮކްޓަރު ބުނީ، އެ އަނިޔާތަކުގެ ސަބަބުން ހިތުގެ ވެންޓްރިކަލްއަށް އަނިޔާވެފައިވާ ކަމަށާއި އެއީ ހަށިގަނޑަށް ލޭ ދައުރުކޮށްދޭ އެންމެ މުހިންމު ނާރު ކަމަށާއި އެ ނާރަށް އަނިޔާވެއްޖެނަމަ ވަގުތުން މަރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ނޫރު މަރުވެފައިވަނީ ދަންވަރު 03.20 ގައި ކަމަށާއި ނޫރުގެ ފުރާނަ ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ނޫރު މަރުވެފައިވަނީ ވަޅިން ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ޑޮކްޓަރު ބުންޏެވެ.

ދައުވާލިބޭ ޝަމްލުގެ ފަރާތުން ހުށަހެޅި ހެކިވެރިން ކޯޓަށް ހާޒިރުވެފައިނުވާތީ އެ މީހުންގެ ހެކިބަސް ނަގައިފައެއް ނުވެއެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ، ޝަމްލު އާއި ޝަމީހުއަކީ ނޫރު ހަމަލާދިން މީހުން ކަމުގައި ނުވިޔަސް އެ ދެ މީހުންގެ ގަސްދަކީ ނޫރު މަރާލުންކަން ސާބިތުވާ ކަމަށެވެ.

އެއީ ހަމަލާދިނުމަށް ބޭނުންކުރި ވަޅީގެ ތިލައިގައި އަށް އިންޗި ހުރުމާއި އެ ވަޅިން ހަމަލާދީފައި ވަނީ މީހަކު މަރުވެދާނެފަދަ ގޮތަކަށް، ނާޒުކު ގުނަވަނަކަށް ކަން ޑޮކްޓަރުގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި ނޫރު މަރާލީ ދުރާލާ ރާވައިގެންކަން އެނގެނީ ނޫރުގެ އިންތިޒާރުގައި އައިޖީއެމްއެޗް ސަރަހައްދުގައި ޝަމްލު އާއި ޝަމީހު އުޅުނުކަން ސިއްރު ހެކިންގެ ހެކި ބަހުން ކަމަށެވެ.

އެހެންކަމުން ޝަރީއަތުން ހުކުމްކުރީ ޝަމްލު އާއި ޝަމީހު 25 އަހަރަށް ޖަލަށް ލުމަށެވެ. އެ ހުކުމުގައި ބުނެފައި ވަނީ، އިންސާނާގެ ފުރާނައަށް އެއްވެސް ހުރުމަތެއް ނުބަހައްޓައި ކުރި މި އަމަލުގައި އެއްވެސް ސިފައެއްގައި ދައުވާ ލިބޭ ފަރާތްތަކުން ބައިވެރިވެފައިވުމުން މިފަދަ ކުށްތަކަށް މީހުން އަރައިގަތުން ދުރުކޮށް މަދު ކުރެވޭނީ މިފަދަ އަމަލުތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދީގެން ކަމަށެވެ.

ޝަމްލު އާއި ޝަމީހުގެ މައްޗަށް 25 އަހަރުގެ ހުކުމެއް ކުރިއަސް އެ މީހުން ތަންފީޒުކުރަން ޖެހޭނީ 17 އަހަރާއި ނުވަ މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ އެ ދެ މީހުން ތަހުގީގަށާއީ ޝަރީއަތުގެ މަރުހަލާ ނިމެންދެން ހަތް އަހަރާއި ދެ މަހާއި 13 ދުވަސް ޖަލުގައި ހޭދަކޮށްފައި ވުމުންނެވެ.

މި މައްސަލަ ބެއްލެވީ، ގާޒީ ހަސަން ސައީދުއެވެ.