Close
ކްރިސްޓިއާނޯ ރޮނާލްޑޯ

ޗެލްސީން ރޮނާލްޑޯގެ އެޖެންޓާ ބައްދަލުކޮށް ޓްރާންސްފާގެ މަޝްވަރާތަކެއް ކޮށްފި

ޗެލްސީގެ ކޯ އޯނަރު، އަދި މިހާރު ޗެއާމަން ޓޮޑް ބޯލީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް ޖޯޖު މެންޑޭޒްއާ ބައްދަލުކޮށް، ޓްރާންސްފާގެ މަޝްވަރާތަކެއް ކޮށްފިއެވެ.

ޗެލްސީގެ އާ ޗެއާމަން ބޯލީ ކްލަބާ ހަވާލުވެ، މިހާރު ވަނީ ޓްރާންސްފާގެ ކަންކަމާވެސް ހަވާލުވެފައެވެ. އެގޮތުން އޭނާއަކީ ވަގުތީ ގޮތުން މިހާރު ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރުވެސް މެއެވެ. ޗެލްސީގެ ޓްރާންސްފާތަކަށް ބޯލީ މިހާރު މަސައްކަތްތައް ކުރަމުން އަންނައިރު، ގިނަ ބައްދަލުވުންތަކެއް އަންނަނީ ބާއްވަމުންނެވެ.

ބޯލީ އިއްޔެ މެންޑޭޒްއާއެކު ބޭއްވި ބައްދަލުވުމުގެ ތަފުސީލުތައް މާ ބޮޑަށް މީޑިއާއަށް އާންމުވެފައި ނުވާ އިރު، ޗެލްސީން ރޮނާލްޑޯއަށް ހުށަހެޅުމެއް ދިން ކަމަށް ވަނީ ބެލެވިފައެވެ. ނޫސްތަކުން ބުނެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ނުކުޅެވޭތީ ރޮނާލްޑޯ މާޔޫސްވެފައިވާ ކަމަށާއި، ޗެލްސީގެ ހުށަހެޅުމަކީ އެފަދަ ދަނޑިވަޅެއްގެ ފައިދާ ނަގަން ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ.

އަންނަ ސީޒަނަށް ޔުނައިޓެޑާ ހަވާލުވި ކޯޗު އެރިކް ޓެން ހާގް ކްލަބާ ހަވާލުވެ ބުނެފައި ވަނީ ރޮނާލްޑޯއަކީ އޭނާގެ ޕްލޭނަށް ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި، ރޮނާލްޑޯގެ ބޭނުން ކްލަބަށް ހިފޭނެ ކަމަށެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ކުޅުމަށްފަހު އަލުން ޔުނައިޓެޑަށް އެނބުރި ދިޔައީ މިދިޔަ ސީޒަނަށެވެ. އެއީ ކެރިއަރުގައި ވިދާލި ދުވަސްވަރުގައި ޔުނައިޓެޑަށް ކުޅުމަށްފަހު 12 އަހަރު އެ ކްލަބާ ދުރުގައި ހޭދަކޮށް، އެތަކެއް ކާމިޔާބީއެއްވެސް ހޯދުމަށް ފަހުއެވެ.

ރޮނާލްޑޯގެ އެނބުރި އައުން ޔުނައިޓެޑަށް ހިތްހަމަ ޖެހުމަކަށްވީ ނަމަވެސް އެ ކްލަބަށް މާޔޫސްކަން ކުރިމަތިވީ ޗެމްޕިއަންސް ލީގު ފުޓުބޯޅަ އަނެއްކާވެސް ގެއްލުމުންނެވެ. ޔުނައިޓެޑަށް މާޔޫސީ ސީޒަނެއް ނަމަވެސް ރޮނާލްޑޯއަށް މިދިޔަ ސީޒަންވެސް ކާމިޔާބެވެ. އޭނާ ކުޅުނު 38 މެޗުގައި 24 ގޯލު ޖަހައިފައިވެއެވެ.

ޗެލްސީން ރޮނާލްޑޯގެ އެޖެންޓާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ އިރު، އެ ކްލަބުން އަންނަނީ އިތުރު ޓްރާންސްފާތަކަށްވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޑިފެންޑަރުން ގެއްލުނުތަން ފޫބައްދަން ޔުވެންޓަސްއާއެކު މެތިއަސް ޑެލިޚްޓާ މެދު ވާހަކަ ދެއްކުމުގެ އިތުރުން ސިޓީގެ ވިންގާ ރަހީމް ސްޓާލިން ގެންދަންވެސް ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.