އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ ކޮމިޓީ އޮތީ ޕެރަލައިޒްކޮށްފައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް، ބަޔަކު ވަނީ ދަނޑަށް ވަދެ ހަމަނުޖެހުން ހިންގައި ބައެއް މީހުން ހަމަލާދީފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ދެ ދީނީ އިލްމުވެރިއަކު ވެސް ހިމެނެއެވެ.
ދީނީ އިލްމުވެރިން ހައްޔަރުކުރި މައްސަލަ ހޫނުވެ، ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ޑރ. ޝަހީމު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީނީ ކަންކަމުގައި ރަސްމީ ފަތުވާދިނުމަށް ގަނޫނަކުން އުފައްދާފައިވާ ފަތުވާއާ ބެހޭ އެންމެ މަތީ މަޖިލިސް ޕްރެލައިޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ދައުލަތުގައި ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
"އިސްލާމީ ހުރިހާ ގައުމެއްގައިހެން ދީނީ އެއްބައިވަންތަކަމާއި ފިކުރީ އަަމާންކަން ގާއިމު ކުރުމަށްޓަކައި ދައުލަތުގައި ފަތުވާ ކައުންސިލް އުފައްދައި ރަނގަޅު ގޮތުގައި ހިންގަމުންދޭ. އެއީ މުޖުތަމައު އެއްބައިވަންތަކުރުމުގައި ވަރަށް ބޮޑު ބާރެއް." ޝަހީމު ވިދާޅުވިއެވެ.
ޝަހީމު ވިދާޅުވީ، ކުރީގެ ސަރުކާރުން ގާނޫނަކުން ފަތުވާ ކައުންސިލް އުފައްދައި މެމްބަރުން އައްޔަންކުރި ކަމަށެވެ. އަދި އެ މެމްބަރުންގެ ދައުރު ހަވަމުވުން އާ މެމްބަރުން އައްޔަންނުކުރާތާ އެތަކެއް އަހަރެއްވެފައިވާ ކަމަށެވެ.
"މިގޮތައް އެ މުއައްސަސާ ޕެރަލައިޒްކޮށްލުމުގެ ނަތީޖާއަކީ އެ ޒިންމާ ދައުލަތް ނޫން އެހެން ފަރާތްތަކުން ނެގުން،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމު ވަނީ މިޒަމާނުގެ އިސްލާމީ ޔުނިވާސިޓީތަކުން ތައުލީމު ހާސިލްކޮށްފައިވާ، ސިޔާސީީ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތައް ފަތުވާ ކައުންސިލަށް އައްޔަން ކުރަން ގިވާލައްވައިފައެވެ. އަދި ފަތުވާގެ ރަސްމީ އިލްމީ ސައްހަ މަސްދަރު ކަށަވަރުކޮށް ގައުމުގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރުކުރި ދީނީ އިލްމުވެރިންކަމަށްވާ ޝެއިހު ފަޒްލޫން މުހައްމަދު އާއި ޝެއިހް އާދަމް ނިޝާންގެ ބަންދަށް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ. އެ ދެ މީހުން މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޔޯގާ ހަމަ ނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރުކުރި ބައެއް މީހުންގެ ބަންދަށް ކޯޓުން ވަނީ 60 ދުވަސް ޖަހައިފައެވެ. 60 ދުވަސް ބަންދަށް ޖަހާނީ ޓެރަރިޒަމް ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރާ ނަމައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލާއި އެޕާޓީގެ އެކްޓިވިސްޓެއްކަމަށްވާ އިބްރާހީމް ރައްޒާން ހިމެނެއެވެ. މުހައްމަދު އިސްމާއީލްގެ ބަންދަށް މިއަދު ފަސް ދުވަސް ޖަހާފައިވާ އިރު، ރައްޒާންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ހަމަނުޖެހުމުގެ އަޑީގައި ތިބީ ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުންނެވެ. ހަމަނުޖެހުން ހިންގި މީހުންނަށް ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް މުހައްމަދު އިސްމާއީލު ހަވާލުކުރާ ފޮޓޯޓަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.