ނަފްސާނީ ބަލިތައް އާސަންދައިގައި ހިމެނުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ އެގޮތަށް ވިދާޅުވީ، ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) 2022 ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި "ރީ ތިންކިން މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވާ، ކެއާ އެންޑް ޓްރާންސްފޯމް" ގެ ނަމުގައި ކުރިޔަށްދިޔަ ހަރަކާތުގައި ދެއްވި ވާޗުއަލް ތަގުރީރުގައެވެ.
އެ ތަގުރުރީގައި އެކަމަނާ ވަނީ، ހަނގުރާމައާ ގުޅިގެން ދިރިއުޅުމުގެ ހަރަދުތައް މައްޗަށް ދިއުން، އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ މައްސަލަތަކަކީ މެދުކެނޑުމެއްނެތި ކަންބޮޑުވުމާއި މާޔޫސްކަން އުފެދޭ ކަންތައްތައްކަން ފާހަގަކުރައްވައި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފިއެވެ.
އެކަމަނާ ދެއްވި ތަގުރީރުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ދިނުމުގައާއި ބޭނުންވާ ފަރުވާ ދިނުމުގައި ރާއްޖޭގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަރަގުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާގެ ފަންނީ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން އެ ދާއިރާއިން މީހުން ހޯދުމުގައި ހުރި ދަތިތަކާއި، ހިދުމަތް ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން ހިދުމަތް ހޯދަން އިންތިޒާރުގައި މަޑުކޮށްގެން ގިނަ ބަޔަކު އަބަދުވެސް ތިބެންޖެހޭކަން ފަޒްނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ގާއުމީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ފަޒްނާ ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމު އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމަށެވެ.
ފަޒްނާ ވަނީ މި ސަރުކާރުން އައިޖީއެމްއެޗްގައި 2019 ވަނަ އަހަރު މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކުރައްވާފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ. އަދި ނަފްސާނީ ބަލިތަކާ ގުޅޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެކަމަނާ ވިދާޅުވީ، ނަފްސާނީ ބަލިތަކާ މެދު ދެކޭ ނުރަނގަޅު ގޮތްތައް ބަދަލުކުރުން މުހިންމު ކަމަށެވެ.
ނަފްސާނީ ބަލިތަކާ މެދު ނުރަނގަޅު ގޮތެއްގައި ދެކޭދެކުން ބަދަލުކުރުމުން ސްކޫލުތަކާއި އެކި ތަންތަނުގައި ތިބޭ ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުން ފަރުވާއާއި އެހީއަށް އެދޭ މިންވަރު އިތުރުވެ، އެމީހުންނަށް ފަރުވާ ލިބޭގޮތްވެ، އެފަދަ ފަރާތްތަކުގެ ދިރިއުޅުން ކުރިޔަށްގެންދިއުމަށް އެފަރާތްތަކަށް ދަސްވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހަރުދަނާ އަހުލާގީ މިންގަނޑެއް ހިފެހެއްޓުމުގެ މުހިންމުކަމާއި، އެ ދާއިރާ އިތުރަށް ހުޅުވާލައި ފުރުސަތުތައް ފަހިކުރުމާއި، އެ ދާއިރާއިން ދިރާސާކުރުން ފަދަ ނަފްސާނީ ބަލިތަކާ ގުޅޭ ހިދުމަތްތަކަށް އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ގޮވާލާ ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު