ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ މައި ހަބް ކަމަށްވާ ކ. މާފުށީގައި ކުނިމެނޭޖުކުރުމާއި ހަވާލުވެ، ރާއްޖޭގައި ޔުޓިލިޓީގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏަށް ސްޓެލްކޯ ވެއްޖެ އެވެ.
މާފުށީގެ ކުނި މެނޭޖުކުރުމާއި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސްޓެލްކޯގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ސްޓެލްކޯގެ އިސްވެރިންނާއި މާފުށި ކައުންސިލުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ވޯޓާ، ސްވަރޭޖް އެންޑް ވޭސްޓްމެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަފީއު އެވެ. މާފުށި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް ހަސަން ސޮލާހު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތާ އެއްގޮތަށް އެއްފުރާޅެއްގެ ދަށުން ރާއްޖޭގައި ހުރިހާ ޔުޓިލިޓީ ހިދުމަތެއް ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏަށް ވެގެން ދިއުމުގެ ޝަރަފު އެކުންފުންޏަށް މިއަދު ލިބިއްޖެ ކަމަށާއި މިއީ ސްޓެލްކޯއަށް ވަރަށް ތާރީހީ ދުވަހެއް ކަަމަށެވެ. މާފުއްޓަކީ ސްޓެލްކޯއިން ހާއްސަ ސަމާލުކަމެއް ދޭ ރަށެއް ކަމަށާއި މާފުށީގެ ރައްޔިތުންނާއި ކައުންސިލުން ހިތްހަމަ ޖެހޭ މިންވަރަށް އެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
"މިހާރު މާފުއްޓަށް ދިމާވެފައިވާ ކުނީގެ އުނދަގޫ، އަދި ކުނީގެ ސަބަބުން ތިމާވެއްޓަށް ދިމާވެފައިވާ ނުރައްކާ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހަމަ ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކޮށްދޭނަން. އަދި މާފުށީގައި ރަނގަޅު ފެންވަރެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް، ވޭސްޓް މެނޭޖްކުރާ ސިސްޓަމެއް އަޅުގަނޑުމެން ގާއިމުކޮށްދޭނަން."
ޝަރީފު ވިދާޅުވީ މިި މަޝްރޫއަކީ އެކުންފުނިން ކުނިމެނޭޖުކޮށްދިނުމުގެ "ޕައިލެޓް ޕްރޮޖެކްޓް" ކަމަށާއި ކ. ގުރައިދޫ އާއި ކ. ގުޅީގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއުވެސް އެކުންފުނިން ފައްޓަވާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ އެހެން ރަށްތަކުގައިވެސް ކުނި މެނޭޖުކުރުމުގެ މަަސައްކަތް ފެއްޓުމަށް ވިސްނަވާ ކަމަށާއި އެކަމަށް ސަރުކާރުން ވަރަށް ތާއީދު ކުރައްވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ސްޓެލްކޯ އިން ފޯރުކޮށްދެމުން ގެންދާ ފެނާއި ނަރުދަމާގެ ހިދުމަތުގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށާއި އަލަަށް ފޯރުކޮށްދޭން މި ފެށި ކުނިމެނޭޖުކުރުމުގެ ހިދުމަތް ހިންގައި ފުޅާކުރުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ހޯއްދެވުމުގެ މަސައްކަތް އެންވަޔަރްމަންޓް މިނިސްޓްރީ އާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރާއި މިިނިސްޓްރީން މި ކަމުގައި އެކުންފުންޏަށް ދެމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝަރީފު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
"އަޅުގަނޑުމެންގެ ކުންފުންޏަކީ ރައްޔިތިންގެ ކުންފުންޏެއް. ސަރުކާރުން މިކުންފުނި އުފައްދާފައި މިވަނީވެސް ރައްޔިތުންނަށް ހިދުމަށް ކޮށްދިނުމަށް. އެހެންވީމަ ރައްޔިތުން ބޭނުންވާ ހިދުމަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުންފުނިން ކޮށްދޭނަން. އަދި ރައްޔިތުން ބޭނުންވާ މިންވަރަށް އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން" ޝަރީފު ވިދާޅުވި އެވެ.
މާފުށީގެ ކައުންސިލުގެ ރައީސް ވިދާޅުވީ އެރަށުގެ ކުނިގޮނޑަކީ 1999 ވަނަ އަހަރުން ފެށިގެން އުފެދުނު ގޮނޑެއް ކަމަށާއި ލޯކަަލް ޓޫރިޒަމް އާއެކު އެރަށުން އުފެދޭ ކުނި އިތުރުވެ، މެނޭޖުކޮށް ބަލަހައްޓާނެ ވަސީލަތްތައް ނެތި އެ ކުނިތައް މެނޭޖުކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވި ބޮޑު ތަކުލީފަކަށް ކަމަށެވެ. އަދި މާފުއްޓަކީ އަބަދުވެސް ސްޓެލްކޯގެ ދައުރު ފުޅާ ރަށެއް ކަމަށާއި ސްޓެލްކޯ ފަދަ ފުއްދުންތެރި ކުންފުންޏަކަށް އެރަށުގެ ކުނި މެނޭޖުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސޮލާހު ވިދާޅުވި އެވެ.