Close
ވޭލްސް

ގެވެށި އަނިޔާގެ މައްސަލައެއް ތެރޭގައި ހުރި ގިގްސް، ވޭލްސްގެ ކޯޗުކަން ރަސްމީކޮށް ދޫކޮށްލައިފި

ގެވެށި އަނިޔާގެ މައްސަލަގަނޑެއްގެ ތެރޭގައި ހުރި ރަޔަން ގިގްސް، ވޭލްސްގެ ކޯޗުކަން ރަސްމީކޮށް ދޫކޮށްލައިފިއެވެ.

ގިގްސް މަގާމު ދޫކޮށްލިކަން އިއުލާން ކޮށްފައި ވަނީ ނޮވެންބަރު 2020 އިން ފެށިގެން އެ މަގާމުން ދުރަށް ޖެހި ހުރުމަށްފަހުއެވެ. ގިގްސް ކޯޗުކަމުގެ މަގާމުން ދުރަގައި ހުރީ، ގޭ ތެރޭގައި ހިނގި ކަމެއްގައި ލޯބިވެރިޔާ ކޭޓް ގްރީވިލްއާއި ލޯބިވެރިޔާގެ ކޮއްކޮ އެމާ ގްރީވިލްއަށް އަނިޔާކުރި ކަމަށް ބުނެ ހައްޔަރުކުރުމުންނެވެ.

ގިގްސް ހައްޔަރުކޮށް، ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް، 2017 ވަނަ އަހަރު އޯގަސްޓުން ފެށިގެން 2020 ވަނަ އަހަރު ނޮވެންބަރު މަހާ ހަމައަށް ލޯބިވެރިޔާއާއި ކޮއްކޮއަށް ގިގްސް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ މިހާރުވެސް ދަނީ ބަލަމުންނެވެ. އެކަމަށް ގިގްސް އިންކާރު ކުރި ނަމަވެސް، ދައުވާތަކުގެ އަޑުއެހުންތައް އޯގަސްޓް މަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަޑު އެހުންތައް ފުރަތަމަ ފަށަން އޮތީ ޖެނުއަރީ މަހުގައި ނަމަވެސް މިހާރު ވަނީ އަޑު އެހުންތައް އޯގަސްޓް މަހު ފަށާ ގޮތަށް ތާވަލުކޮށްފައެވެ. އަޑު އެހުންތައް ދިގު ދެމިގެން ގޮސްދާނެ ކަމަށްވެސް ބެލެވެއެވެ.

އުމުރުން 48 އަހަރުގެ ގިގްސް ނެރުނު ބަޔާނެއްގައި ބުނީ 64 އަހަރު ފަހުން ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިވެފައިވުމާ އެކު، އެކަމުގެ ތައްޔާރީތަކަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ކުރުމަށް ބޭނުން ނުވާ ކަމަށެވެ.

"ގައުމީ ޓީމުން ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ކުރުމަށް ބޭނުމެއް ނޫން. އަހަރެންގެ މައްސަލައިގެ ސަބަބުން އެކަން ވާން ބޭނުން ނުވާތީ ކޯޗުކަމުން ރަސްމީކޮށް ދުރުވާން ނިންމީ. އަހަރެން ޓީމާ ދުރަށް ޖެހިލީ 1958 ވަނަ އަހަރަށްފަހު ވޭލްސްއިން ކުޅޭ ފުރަތަމަ ވޯލްޑް ކަޕުގައި މިހާރު އޮތް ޓީމުން ގައުމު ފަހުރުވެރި ކޮށްދޭނެ ކަމުގެ ޔަގީން ކަމާއެކު،" މެންޗެސްޓާ ޔުނައިޓެޑް އަދި ވޭލްސްގެ ފުޓުބޯޅަ ލެޖެންޑް ގިގްސް ބުންޏެވެ.

ޖެނުއަރީ 2018 ގައި ވޭލްސްގެ ކޯޗުކަމާ ހަވާލުވި ގިގްސް، ފުރަތަމަ ފަހަރަށް ޓީމާއެކު ނުކުތީ 2021 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށެވެ. އެ މެޗުތައް ފެށި އިރަށް ކޯޗުކަމުން ގިގްސް ފަހަތަށް ޖެހިފައިވާ އިރު، އެ ޓީމުން މިދިޔަ އަހަރު ޔޫރޯގައި ކުޅެ، މިއަހަރުގެ ތާރީހީ ވޯލްޑް ކަޕަށް ކޮލިފައިވީ ކޯޗު ރޮބާޓް ޕޭޖުގެ އިރުޝާދުގެ ދަށުންނެވެ.

ޕޭޖުގެ އިރުޝާދުގެ ދަށުން ވޭލްސް ވަނީ ޔޫރޯ 2020ގެ ގަދަ 16 ގައި ކުޅެ، ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް ދެ މެޗުންވެސް މޮޅުވެފައެވެ. ޕޭޖު ރަސްމީކޮށް ވޭލްސްގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވިފައިވާ އިރު، ވޯލްޑް ކަޕުގައި ވޭލްސް އޮތީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ހިމެނެނީ އިންގްލެންޑާއި އެމެރިކާގެ އިތުރުން އިރާނެވެ.