ގެރެތު ބޭލް

ކެރިއަރުގެ އެންމެ އުނދަގޫ ނިންމުން ނިންމައި، ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

އުމުރުން 33 އަހަރުގެ ގެރެތު ބޭލް، ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ގައުމީ ޓީމުގެ ލެޖެންޑް ބޭލް ރިޓަޔާކުރިކަން މިއަދު އިއުލާން ކުރަމުން ދެ ޕޯސްޓެއް ކޮށްފައިވެއެވެ. ފުރަތަމަ ގައުމީ ޓީމަށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގައުމީ ޓީމުން ރިޓަޔާކުރުމަކީ "ކެރިއަރުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން،" ކަމަށާއި ގައުމީ ޓީމުގެ ޖާދުވީ އިހުސާސްތައް ބަޔާން ކޮށްދޭނެ ގޮތެއްވެސް ނޭނގޭ ކަމަށެވެ.

ބޭލް އިތުރަށް ބުނީ ގައުމީ ޖާޒީގައި ކުޅުމަކީ އޭނާގެ ހަޔާތް ބަދަލުކޮށްލި ކަމެއް ކަމަށާއި ވޭލްސްގެ ކެޕްޓަން ކަން ކުރަން ލިބުމަކީ ފުޓުބޯޅަ ކެރިއަރުގައި ލިބިގެންދިޔަ އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ.

"ގައުމީ ޓީމެއް ކުޅެން ލިބުމަކީ އަހަރެންގެ ހަޔާތް ބަދަލުވުމުގެ އިތުރުން މީހާ މީހަކަށް ވެގެންދިޔަ ސަބަބު. ވޭލްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމަކީ އަހަންނަށް ކެރިއަރުގައި ބަޔާންކޮށްދޭން ނޭނގޭ، ވަރުގަދަ ބޮޑު ޝަރަފެއް. ގައުމީ ޓީމުން އެތަކެއް ތާރީހެއް ލިޔެލި އިރު، އެކަމުގައި ބައިވެރިވެވުމަކީ އަހަންނަށް ލިބުނު އުފަލެއް،" ބޭލް ބުންޏެވެ.

ވޭލްސް ގައުމީ ޓީމަށް ބޭލް ރެކޯޑު 111 މެޗު ކުޅެފައިވާ އިރު، އެގައުމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވަނީވެސް ބޭލްއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 41 ގޯލް ޖަހައިދީފައެވެ.

ބޭލް ވަނީ 2005 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެ، އެގައުމުގެ ތާރީހު ދުށް އެންމެ ކުޅަދާނަ އަދި ކާމިޔާބު ކުޅުންތެރިޔާއަށްވެފައެވެ. އުމުރުން 16 އަހަރާއި 315 ދުވަހުގައި ގައުމީ ޓީމަށް ކުޅެ، ބޭލް ވެފައި ވަނީ އެގައުމުގެ ތާރީހުގައިވެސް އެންމެ ހަގު އުމުރުގައި ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔާއަށެވެ.

ޔޫރޯ 2016 އަކީ ވޭލްސްއަށް ތާރީހީ ޔޫރޯއަކަށްވެފައިވާ އިރު، 58 ވަނަ އަހަރަށްފަހު އެގައުމުން ޔޫރޯގައި ފުރަތަމަ މޮޅެއް ހޯދިއެވެ. ބޭލްގެ ގޯލާވެސްއެކު ސްލޮވޭކިއާ ކައިރިން މޮޅުވެ ވޭލްސްއިން ތާރީހު ލިޔެލި އިރު، އެ ޔޫރޯގައި ބޭލް ވިދާލައި، ވޭލްސް ވަނީ ސެމީ ފައިނަލްގައި ކުޅެފައެވެ. އެއީ އެގައުމުގެ ފުޓުބޯޅައިގެ ރަން ކާމިޔަބީއެކެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ޔޫރޯއަށްވެސް ބޭލް ވަނީ ވޭލްސްގެ ކެޕްޓަނެއްގެ ގޮތުގައި ގޮސްފައެވެ. އެ ޔޫރޯގެ ގަދަ 16 ގައި ވޭލްސް ކުޅެފައިވާ އިރު، މިދިޔަ އަހަރުގެ ވޯލްޑް ކަޕަށްވެސް ބޭލް ވަނީ ވޭލްސްއާއެކު ގޮސްފައެވެ.

ވޭލްސް މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ 64 އަހަރަށްފަހުއެވެ. އެހާ ދުވަސް ފަހުން ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ބޭލް ގޯލް ޖެހި އިރު، އެ ވޯލްޑް ކަޕަށް ވޭލްސް ކޮލިފައި ކޮށްދިނުމަށް ޕްލޭ އޮފްގައި ގޯލް ޖަހައިދިނީވެސް ބޭލްއެވެ.

ބޭލްގެ ކްލަބު ކެރިއަރު ސައުތުހޭމްޓަންއިން ފަށައި، ޓޮޓެންހަމްގައި ވިދާލިއެވެ. އޭގެ ފަހުން ރެއާލް މެޑްރިޑްގައި ނުވަ އަހަރު ހޭދަކޮށް، އެ ކްލަބާއެކު އެތަކެއް ކާމިޔާބީއެއް ހޯދިއެވެ. ރެއާލްއާއެކު ބޭލް ވަނީ ތިން ފަހަރަށް ލީގު ނަގައި، ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ނަގައިފައެވެ. އަދި ބޭލް ވަނީ ރެއާލާއެކު ތިން ފަހަރު ކްލަބް ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައެވެ.

ކްލަބު ކެރިއަރު ރިޓަޔާކުރަމުން ބޭލް ބުނެފައި ވަނީ ދުނިޔޭގެ އެންމެ މަތީ ފުޓުބޯޅައަށް އޭނާއަށް އެހީތެރިވެދިން އެކިއެކި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި ހުރިހާ ކްލަބަކުންވެސް ދިން ފުރުސަތުތައް ފާހަގަކުރާ ކަމަށެވެ.

ބޭލް ވަނީ ކުރީގެ ހުރިހާ ކްލަބުތަކެއްގެ ނަމާއި އާއިލާގެ ނަން ވަކިން ހާއްސަކޮށް ފާހަކޮށް، އެންމެފަހުން ކުޅުނު އެމެރިކާގެ ލޮސް އޭންޖަލަސް އެފްސީއަށް ޝުކުރު އަދާކޮށްފައެވެ.