Close
ޔޫރޯ ކޮލިފައިން

ސްޕެއިނަށް ފަސޭހަ މޮޅެއް، ވޭލްސް އިން ފަހުވަގުތު ކްރޮއޭޝިއާ ހިފަހައްޓައިފި

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރޭ ސްޕެއިނުން ފަސޭހަކަމާ އެކު ނޯވޭ ބަލިކުރި އިރު، ވޭލްސް އިން ފަހު މިނެޓުގައި ގޯލު ޖަހައިގެން ކްރޮއޭޝިއާ ހިފަހައްޓައިފިއެވެ.

ނޯވޭގެ އެންމެ މުހިންމު ކުޅުންތެރިޔާ އާލިން ހާލަންޑް ނުލައި އެ ޓީމުން ރޭ ސްޕެއިން ދަނޑުގައި ކުޅުނު މެޗު، ސްޕެއިނުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. ސްޕެއިނުން ކޮލިފިކޭޝަން ގްރޫޕް އޭގައި ވާދަކުރަމުންދާއިރު، އެ ގްރޫޕްގައި ރޭ ސްކޮޓްލޭންޑް ކުޅުނު މެޗުގައި 3-0 އިން ސައިޕްރަސް ބަލިކޮށްފައެވެ.

އަލްވާރޯ މޮރާޓާގެ ކެޕްޓަން ކަމުގައި ރޭގެ މެޗަށް ނުކުތް ސްޕެއިނުން މަލާގާގެ ލަ ރޮސަލޭޑާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 13ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގިއެވެ. އެލެހާންޑްރޯ ބާލްޑޭގެ ހުރަސް ގޯލަށް ވައްދާލީ ޑެނީ އޮލްމޯއެވެ. ބާސެލޯނާގެ ބާލްޑޭ ވެފައިވަނީ 2006 ވަނަ އަހަރަށްފަހު ސްޕެއިންގެ ގޯލަކަށް އެސިސްޓް ކޮށްދިން 20 އަހަރުން ދަށުގެ ތިންވަނަ ކުޅުންތެރިޔާއަށެވެ.

ކުރިން 2006 ވަނަ އަހަރު ސެސް ފެބްރިގަސް 19 އަހަރުގައި ސްޕެއިންގެ ގޯލަކަށް އެސިސްޓް ކޮށްދިން އިރު، 2021 ވަނަ އަހަރު ޕެޑްރީވެސް ވަނީ 19 އަހަރުގައި ސްޕެއިންގެ ގޯލަކަށް އެސިސްޓް ކޮށްދީފައެވެ. މިރޭ ބާލްޑޭ އެސިސްޓް ހެދީވެސް 19 އަހަރުގައެވެ.

ރޭގެ މެޗަށް ސްޕެއިނުން އާ ކޯޗު ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ނުކުމެފައިވާ އިރު، އެ ޓީމުގެ ފަހު ދެ ގޯލުވެސް ޖެހީ ބަދަލަކަށް ނުކުތް އުމުރުން 32 އަހަރުގެ ފޯވަޑް ޖޮސެލޫއެވެ. ރޭގެ މެޗަކީ ސްޕެއިން ޖާޒީގައި ޖޮސެލޫ ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. ކުރިން ނިއުކާސަލްއާއި ސްޓޯކް ސިޓީއަށް ކުޅުނު ޖޮސެލޫ އޭރު އެންމެ ރަނގަޅު ފޯމުގައި ނުފެނުނު ނަމަވެސް، ސްޕެއިން ލީގަށް ބަދަލުވެ ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އަލާވޭސްއާއި އެސްޕަނިޔޯލަށް އޭނާ ކުޅެފައިވާ 139 މެޗުން މިހާތަނަށް 49 ގޯލު ޖަހާފައިވާ އިރު، މި ސީޒަނުގައި އެކަނި އެސްޕަނިޔޯލަށް ވަނީ 13 ގޯލު ޖަހައިދީފައެވެ.

ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ކްރޮއޭޝިއާ އިން ރޭ ޔޫރޯ ކޮލިފިކޭޝަން ގްރޫޕް ޑީގައި ކުޅުނު ހޯމް މެޗުގައި ވޭލްސް އަތުން އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އަންދްރޭޖް ކްރަމަރިޗް ޖެހި ގޯލުން ކްރޮއޭޝިއާ ލީގު ނަގައިގެން ކުޅެމުން ދަނިކޮށް، ވޭލްސްއިން އެއްވަރުކުރީ މެޗުގެ ފަހު މިނެޓުގައެވެ. އެ ގޯލު ޖެހީ އަލަށް ގައުމީ ޓީމަށް ނުކުތް ނަތަން ބްރޯޑްހެޑެވެ.

ރޭގެ މެޗަކީ ވޭލްސްގެ ރެކޯޑު ގޯލު ޖެހުންތެރިޔާ، އަދި ކުރީގެ ކެޕްޓަން ގެރެތު ބޭލް ރިޓަޔާކުރި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗަށް ކެޕްޓަން ބޭންޑްގައި ނުކުތީ އޭރޮސް ރަމްސޭއެވެ. އެއީ މިހާރު ވޭލްސްގެ ދާއިމީ ކެޕްޓަންވެސް މެއެވެ.

ކްރޮއޭޝިއާ ހިމެނޭ ގްރޫޕް ޑީގައި ރޭ ތުރުކީން ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން އަރްމޭނިއާ ބަލިކޮށްފައެވެ.