ގެރެތު ބޭލް

ފުޓްބޯޅައިން ރިޓަޔާކުރިތާ މަހެއް ނުވަނީސް ބޭލް ރަސްމީކޮށް ގޮލްފަށް

ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރިތާ މަހެއްވެސް ނުވަނީސް، ވޭލްސްގެ ކުރީގެ ކެޕްޓަން ގެރެތް ބޭލް ގޮލްފްގެ ޕީޖީއޭ ޓުއާގެ އިވެންޓެއްގައި ވާދަކުރަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފިއެވެ.

ބޭލް ފުޓުބޯޅައިން އެކުގައި ރިޓަޔާކުރިކަން އިއުލާން ކުރީ މި މަހުގެ ކުރީކޮޅުގައެވެ. ބޭލް ރިޓަޔާ ކުރީ ވޭލްސް ގައުމީ ޓީމަށް ރެކޯޑް 111 މެޗު ކުޅެ، އެ ގައުމަށް އެންމެ ގިނަ ގޯލް ޖަހައިދީފައި ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާ ވަނީ ގައުމީ ޓީމަށް 41 ގޯލް ޖަހައިދީފައެވެ.

ކްލަބު ކެރިއަރުގައިވެސް ބޮޑެތި ހުރިހާ ކާމިޔާބީއެއް ހޯދި ބޭލް، އެންމެ ކާމިޔާބުކޮށް ފެނުނީ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރުއެވެ. ފަސް ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ބޭލްގެ ރެއާލް ކެރިއަރުގެ ކުރީކޮޅުގައި ތަފާތު ދެއްކި ނަމަވެސް، ރެއާލްއާއެކު އޭނާ ފަހުން ހޭދަކުރީ މާޔޫސީ ދުވަސްތަކެކެވެ. އެ ދުވަސްވަރު ރެއާލްގެ ޓީމުން ބޭލަށް ފުރުސަތު ގެއްލި، ބައެއް ކަންކަމުގައި ހިޔާލުވެސް ތަފާތުވިއެވެ.

ރެއާލްގެ ޓީމުން ފުރުސަތު ނުލިބެން ފެށުމާއެކު ބޭލް ގޮލްފަށް ވަރަށް ބޮޑަށް ސަމާލުކަންދިނެވެ. ގައުމީ ޓީމާއެކު ހުރެ އޭރު ބޭލް ބުނީ "ވޭލްސް، ގޮލްފް، މެޑްރިޑް. އެއީ ދިރިއުޅުމުގެ ތަރުތީބު،" ކަމަށެވެ. އެހެން ބޭލް ބުނުމުން ރެއާލްގެ ސްޕޯޓަރުންނަށްވެސް އޭނާއަށް ފާޑުކިޔާފައިވާ އިރު، ބޭލް ރިޓަޔާކޮށް ގޮލްފަށް ނުކުންނާނެ ކަމަށް ކުރިންވެސް އޮތީ ބުނެފައެވެ.

ބޭލް އިއްޔެ އިއުލާނުކުރީ އެމެރިކާގެ ކެލިފޯނިއާގައި ބާއްވާ ޕެބްލް ބީޗް ޓުއާގައި ވާދަކުރާނެ ކަމަށެވެ. އެ މުބާރާތަކީ ޕީޖީއޭ ޓޫއާގެ އިވެންޓެކެވެ. އިވެންޓްގައި 156 ކުޅުންތެރިންނާއެކު އެ އެދަދަށް ޕްރޮފެޝަނަލް ކުޅުންތެރިންވެސް ވާދަކުރާނެއެވެ. ޕްރޮފެޝަނަލް ކުޅުންތެރިންގެ ތެރޭގައި ޔޫއެސް އޯޕަން ޗެމްޕިއަން މެޓް ފިޓްޒްޕެޓްރިކް، ދުނިޔޭގެ ފަސް ނަންބަރު ކުޅުންތެރިޔާ ޕެޓްރިކް ކަންޓްލޭ އަދި ގޮލްފްގެ މޭޖާ ތިން ތަށި ހޯދާފައިވާ ޖޯޑަން ސްޕެއިތު ހިމެނެއެވެ.