މެންޗެސްޓާ ސިޓީ

ރެއާލްއިން 2024 ވަނަ އަހަރު ސިޓީގެ ހާލަންޑް ގެންދަން ތައްޔާރުވެއްޖެ: ރިޕޯޓު

މެންޗެސްޓާ ސިޓީން މި ޓްރާންސްފާ ސީޒަނުގައި ގެންދިޔަ ނޯވޭގެ ފޯވަޑް އާލިން ހާލަންޑު، 2024 ވަނަ އަހަރު ގެންދަން ރެއާލް މެޑްރިޑުން ތައްޔާރަށް ތިބި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑޯޓުމަންޑަށް ކުޅެމުން ދިޔަ ހާލަންޑް ސިޓީއަށް ދިޔައީ 51.2 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ. އެއީ ހާލަންޑުގެ ރިލީސް ފީއެވެ. އުމުރުން 21 އަހަރުގައި ހާލަންޑަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި ސެންޓަ ފޯވަޑެވެ. އޭނާ ވަނީ ޖަރުމަނު ލީގުގެ ޑޯޓުމަންޑަށް ކުޅުނު 89 މެޗުން 86 ގޯލު ޖަހައިފައެވެ. ހާލަންޑް ސިޓީއާއެކު ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުން ސިޓީން ހާލަންޑާއެކު ހަދާފައިވާ އެއްބަސްވުމުގެ ބައެއް މައުލޫމާތު މިހާރު ވަނީ ލީކުވެފައެވެ. އެގޮތުން އެ ޓީމުން އެއްބަސްވުމުގައި ހިމަނާފައިވާ ރިލީސް ފީގެ އަދަދުވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އިތުބާރު ބައެއް ނޫސްތަކުން ބުނެފައި ވަނީ ހާލަންޑާއެކު ސިޓީން ހެދި އެއްބަސްވުމުގައި ހިމަނާފައިވާ ރިލީސް ފީއަކީ 128 މިލިއަން ޑޮލަރު ކަމަށާއި، އެ އަގު ދައްކާ، 2024 ވަނަ އަހަރު ހާލަންޑު ގެންދަން ރެއާލް ތައްޔާރަށް އޮތް ކަމަށެވެ.

ރެއާލްއަށް މި ޓްރާންސްފާ ސީޒަނުގައި ފުރަތަމަ ކުރިމަތިލާން ޖެހުނީ ނާ އުންމީދާއެވެ. ކިލިއަން އެމްބާއްޕޭގެ ސޮއި ހޯދަން ހުރިހާ ކަމެއް ނިންމާފައިވާ އޮއްވާ އޭނާ ޕީއެސްޖީގައި މަޑުކުރަން ނިންމި ނިންމުމާއެކު ރެއާލްއިން ވަނީ ހިތްހަމަ ނުޖެހުންވެސް ފާޅު ކޮށްފައެވެ. ހާލަންޑާއި އެމްބާޕޭ ފަދަ ވަރުގަދަ ކުޅުންތެރިންގެ މުސާރަތަކާއި، އެއްބަސްވުމުގެ ބޯނަސް އަދަދުތަކުގެ މައްސަލައިގައި ލަލީގާއިން ވަނީ ސިޓީއާއި ޕީއެސްޖީގެ އޮޑިޓެއް ހެދުމަށް ޔޫއެފާއަށް އެދިފައެވެ.

ހާލަންޑުގެ ކެރިއަރުގައި ޑޯޓުމަންޑުގެ ކުރިން ކުޅެފައި ވަނީ މޯލްޑޭ އާއި ރެޑްބުލް ސާލްސްބާގަކަށެވެ. ޗެމްޕިއަންސް ލީގުގައިވެސް 20 ގޯލު ހަމަކޮށްފައިވާ ހާލަންޑަކީ އެ މުބާރާތުގެ ތާރީހުގައިވެސް އެންމެ ހަގު އުމުރެއްގައި 20 ގޯލު ހަމަކުރި ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް 21 ގޯލު ޖަހައިފައިވާ ހާލަންޑް، އެގައުމުގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވުމަށް މިހާރު ބޭނުންވަނީ 14 ގޯލެވެ.