އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް އާސެނަލުން ކުރަމުންދިޔަ އުންމީދު ނިމުމަކަށް ގެނެސް، 22 އަހަރު ފަހުން ލީގު ތަށި ކާމިޔާބު ކޮށްފިއެވެ.

އާސެނަލަށް ލީގު ތަށި ޔަގީންވީ މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި އެޓީމަށް ބޯންމައުތު ބަލިނުކުރެވުމުންނެވެ. ސިޓީން މިރޭ ބޯންމައުތު ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތްއިރުވެސް ސިޓީއަށް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެއީ ލީގު ރޭހުގެ ކޮންޓްރޯލްގައި އާސެނަލް އޮތުމުންނެވެ.

ސިޓީކޮޅަށް މިރޭގެ މެޗުގައި ގޯލް ޖަހައިދިނީ ޖޫނިއާ ކްރޫޕީއެވެ. މެޗު ނިމެން ދަނިކޮށް ސިޓީއަށް އެއްވަރުކޮށްދިން ގޯލް ޖަހައިދިނީ އާލިން ހާލަންޑެވެ. އެ ގޯލާއެކުވެސް ސިޓީއަށް ވަނީ ލީގު ގެއްލިފައެވެ.

އާސެނަލަށް ލީގު ޔަގީންވީ ސިޓީއާއި އާސެނަލަށްވެސް ބާކީ މެޗެއް އޮއްވާ، ހަތަރު ޕޮއިންޓްގެ ލީޑެއް ޔަގީންވުމުންނެވެ. އާސެނަލަށް 37 މެޗުން 82 ޕޮއިންޓް ލިބިފައިވާ އިރު، ސިޓީ ދެވަނައިގައި އޮތީ 37 މެޗުން 78 ޕޮއިންޓާއެކުގައެވެ. މިއީ އާސެނަލުން 2003-04 ވަނަ އަހަރު ފަހުން ލީގު ތަށި ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އާސެނަލުން އިނގިރޭސި ޗެމްޕިއަންކަން ހޯދި 14 ވަނަ ފަހަރެވެ.

އާސެނަލަށް މިއީ ދިގު އިންތިޒާރެއްގެ ނިމުމެވެ. އެޓީމުން ލީގު ތަށްޓާ މީގެ ކުރިންވެސް ކައިރިކޮށް، ހިތްދަތިވެފައިވެސް ވެއެވެ. އާސެން ވެންގާ ހަވާލުވެ ހުރި އިރު، 2007-08 ވަނަ އަހަރުގެ ސީޒަނުގައި އާސެނަލް ތިންވަނައިގައި ނިންމާލީވެސް އެންމެ ހަތަރު ޕޮއިންޓް ފަރަގެއްގައެވެ. އޭގެފަހުން މިކޭލް އާޓެޓާއާއެކު މިދިޔަ ދެތިން ސީޒަނުގައިވެސް އާސެނަލް ވަނީ ލީގު ތަށްޓާ ގާތަށް ޖެހިލައިފައެވެ.

އެގޮތުން، 2022-23 ވަނަ އަހަރު ދެވަނައިގައި ނިންމާލީ ފަސް ޕޮއިންޓް ފަރަގެއްގައެވެ. އެފަހަރު އާސެނަލް ވަނީ 248 ދުވަސް ވަންދެން ތާވަލުގެ އެއްވަނައިގައި އޮވެފައެވެ. ތަށި ގެއްލުނީ އެންމެ އެންމެ ފަހު މެޗުތަކުންނެވެ. އެއަށްފަހު 2023-24 ވަނަ އަހަރުގެ ސީޒަނުގައިވެސް ދެ ޕޮއިންޓް ފަރަގެއްގައި ދެވަނައިގައި ނިންމާލި އިރު، ތަށި ނުލިބުނީ އެންމެ ފަހު ދުވަހުގެ ނަތީޖާތަކުންނެވެ. އެ ދެފަހަރުވެސް ތަށި ހޯދީ މެންޗެސްޓާ ސިޓީންނެވެ.

އާސެނަލުން އަލުން އަނބުރާ ގަދަބާރަކަށް ވުމަށް ކުރި މަސައްކަތުގައި ރަނގަޅު އިންވެސްޓްތަކެއްވެސް ކޮށްފައިވާ އިރު، މިފަހަރު އެޓީމަށް އަދި ޗެމްޕިއަންސް ލީގުގެ ފައިނަލްވެސް އެބައޮތެވެ. އެހެންކަމުން މިއީ ފަހަކަށް އައިސް އެެޓީމުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ސީޒަނެވެ.