ޕީއެސްޖީ

މުސާރައިގެ ހަރަދުތައް ކުޑަކުރަން ޕީއެސްޖީން ބޭނުންވަނީ ނޭމާ ފޮނުވާލަން؟

ޕީއެސްޖީއަށް މުސާރައިގެ ހަރަދު ބޮޑުވެ، ކްލަބުގެ މުސާރައިގެ އޮނިގަނޑުން ބޭރަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ ބައެއް ކުޅުންތެރިން ދޫކުރަން ކްލަބުން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ޕީއެސްޖީއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މުއްސަނދި އެއް ކްލަބެވެ. އެޓީމުން ބޮޑެތި ޓްރާންސްފާތަކެއް ކުރަމުން އަންނަ އިރު، ކުޅުންތެރިން ގެންދަނީ ބޮޑެތި މުސާރަތަކުގައެވެ. އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ޕީއެސްޖީން ނިންމި އެންމެ ބޮޑު ނިންމުމަކީ އެ ކްލަބުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ، ކްލަބުގައި މަޑުކުރުވުމެވެ. އެމްބާޕޭއަށް ދިން އާ އެއްބަސްވުމުގެ ތަފުސީލުތައް އަދި މީޑިއާތަކަށް ތިލަވެފައި ނުވާ އިރު، ބެލެވޭ ގޮތުގައި އޭނާއަށް މުސާރައިގެ ގޮތުގައިވެސް ބޮޑު އަދަދެއް ދޭނެއެވެ.

މުސާރައިގެ ކަންކަމުގެ އިތުރުން ޓްރާންސްފާތަކުގެ ކަންކަމުގައި ޕީއެސްޖީން ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭ އުސޫލާ ހިލާފުވާ ކަމަށް ލަލީގާއިން ވަނީ ބުނެފައެވެ. އެ މައްސަލަ ލަލީގާއިން ވަނީ ރަސްމީކޮށް ޔޫއެފާއަށްވެސް ހުށަހަޅައިފައެވެ. ލަލީގާގެ ރައީސް ހާވިއާ ތޭބާސް ވިދާޅުވެފައިވާ ގޮތުން ޕީއެސްޖީން މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 600 މިލިއަން ޔޫރޯ ހަރަދު ކުރެއެވެ. އެއީ އެމްބާޕޭ އާ ކުރި އެއްބަސްވުމުގައިވާ އަދަދުތައް ނުހިމަނައެވެ.

އެ އަދަދުތަކާއެކު ޕީއެސްޖީއަށް މިދިޔަ އަހަރު 224 ވަރަކަށް މިލިއަން ޔޫރޯގެ ގެއްލުންވި ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ. އެ ތަފުސީލުތަކަށް ޔޫއެފާއިން ރަސްމީކޮށް ޕީއެސްޖީއަށް އެދިފައިވުމުން މުސާރައިގެ ހަރަދު ކުޑަކުރަން އެ ކްލަބުން މަސައްކަތް ކުރާ ކަމަށްވެސް ފްރާންސް ނޫސްތަކުން ބުނެފައިވެއެވެ.

ފްރާންސްގެ އިތުބާރު ނޫހެއް ކަމަށްވާ ލެ އީކުޕުން ބުނެފައި ވަނީ ޕީއެސްޖީން ބޭނުން ވަނީ ނޭމާ ކްލަބުން ފޮނުވާލަން ކަމަށެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުން ނޭމާގެ މުސާރައަކީ އަހަރަކު ގާތް ގަނޑަކަށް 50 މިލިއަން ޔޫރޯއެވެ. އެހެންކަމުން ނޭމާ ގެންދެވޭނެ ކުޅަދާނަކަން ހުރީވެސް ޔޫރަޕުގެ މަދު ކްލަބުތަކެއްގެ ކިބައިގައެވެ.

ކްލަބުން ނޭމާ ފޮނުވާލަން ބޭނުން ނަމަވެސް، ނޭމާ އެންމެފަހުންވެސް ބުނެފައި ވަނީ އޭނާ ބޭނުންވަނީ ޕީއެސްޖީގައި މަޑުކުރަން ކަމަށެވެ. ނޭމާ ޕީއެސްޖީގައި މަޑުކުރަން ބޭނުންވާތީ، އޭނާއަށް އެހެން ކްލަބުތަކުން ހުށަހަޅާ ހުށަހެޅުންތަކަށްވެސް ދަނީ ނޫނެކޭ ބުނަމުންނެވެ. އެހެން ނަމަވެސް ކްލަބުން އެކަން ނިންމާނެ ގޮތެއް އަދި އޮތީ ސާފު ނުވެއެވެ.