ހުޅުމާލޭ ފޭސް 1ގެ ބީޗްފޮރަންޓުން އެއްވެސް ވަރަކަށް ކުނި ވަކިކޮށްގެން ނުނެރޭ ކަމަށް ވެމްކޯއިން އާންމުކުރި "ހުޅުމާލެ ހީޓް މެޕް" އިން ދައްކައިފިއެވެ.
ވެމްކޯއިން ނެރޭ ހީޓް މެޕަކީ ކުނި ވަކިކޮށްގެން ނެރޭ ސަރަހައްދުތައް ފާހަގަކޮށް ނެރޭ މެޕެކެވެ. އެ މެޕުގައި ރަތް ކުލައިން ފާހަގަކުރަނީ އެއްވެސް ވަރަކަށް ކުނި ވަކިނުކޮށް ނެރޭ ސަރަހައްދުތަކެވެ. ފެހި ކުލައިން ފާހަގަކުރަނީ ކުނި ވަކިކޮށްފައި ނެރޭ ސަރަހައްދުތަކެވެ. ރީދޫ ކުލައިން ފާހަގަކުރަނީ ކޮންމެވެސް ވަރަކަށް ކުނިވަކިކޮށްގެން ނެރޭ ސަރަހައްދުތަކެވެ.
އެގޮތުން އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއާއި ވެމްކޯއިން މިއަދު ވަނީ މާލެއާއި ހުޅުމާލޭގެ ހީޓް މެޕް އާންމުކޮށްފައެވެ.
އެ މެޕުން ދައްކާ ގޮތުން، ހުޅުމާލޭ ފޭސް 1ގެ ބީޗު ސަރަހައްދުގައި ހުންނަ ތަންތަނުން އެއްވެސް ވަރަކަށް ކުނިވަކިކޮށްގެން ނުނެރެއެވެ. އެ ސަރަހައްދަކީ ގެސްޓްހައުސްއާއި ރެސްޓޯރެންޓްތައް ހިންގާ ސަރަހައްދެކެވެ.
އެ މެޕާއެކު މިނިސްޓަރު ޝައުނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެއާއި ހުޅުމާލޭގައި ކުނި ވަކިކޮށްގެން ކުނި ނެރޭ މިންވަރު އެބައެނގޭ ކަމަށެވެ. އަދި ގިނަ ގޭބިސީތަކުން ވަރަށް ރަނގަޅަށް ކުނި ވަކިކޮށްފައި ނެރޭ ކަމަށް ވިދާޅުވިއެވެ.
ކުނި ވަކިކޮށް ނެރެން ލާޒިމުކުރިތާ އަދި މިވީ ދެ ހަފުތާ ކަމަށާއި ކުރިއަށް އޮތްތަނުގައި ކުނި ވަކިކޮށްގެން ނެރޭ މިންވަރު ރަނގަޅުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ގިނަ ގެބިސީތަކުން ވަރަށް ފުރިހަމައަށް އަދި ކޮންމެވެސް މިންވަރަކަށް ކުނި ބައިކުރޭ. މިއީ އެންމެ ދެ ހަފުތާގެ ނަތީޖާ. އަދި ރަނގަޅުކުރެވޭނެ," މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން ބޭރަށް ނެރޭ ކުނީގެ ބާވަތްތައް ބައިތަކަށް ވަކިކޮށްފައި ނެރެން ވަނީ އަންގައިފައެވެ.
ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރަން ވެމްކޯއަށް ލާޒިމުވާތީ ކުނި ވަކިކޮށްފައި ނުވާ ނަމަ، އެ ކުނި ބަލައިނުގަތުމުގެ އިހުތިޔާރު އެ ކުންފުންޏަށް ލިބިގެންވެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ހުންނަން ވާނީ ބައިބަޔަށް ވަކިކޮށްފައެވެ.
އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ، ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަންވާނީ ވަކިކޮށްފައެވެ. މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން ވެސް އުކާލުމަށް ނެރޭ ކުނިތައް ހުންނަން ވާނީ ވަކިކޮށްފައެވެ. އަދި ކުނި ވަކިކޮށްފައި ހުންނަން ވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައެވެ.