ސްޕެނިޝް ލަލީގާ

ލަލީގާއިން ޕީއެސްޖީއާއި ސިޓީއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

ސްޕެއިންގެ ލީގު، ލަލީގާއިން މެންޗެސްޓާ ސިޓީއާއި ޕީއެސްޖީން ފައިނޭންޝިއަލް ފެއާ ޕްލޭއާއި ހިލާފުވެފައިވާ ކަމަށް ބުނެ ޔޫއެފާއަށް މައްސަލަ ހުށަހަޅައިފިއެވެ.

ލަލީގާގެ ރައީސް ހާވިއާ ތޭބާސް، އެކިއެކި ފަހަރުމަތިން ސިޓީއާއި ޕީއެސްޖީގެ ފައިސާގެ ކަންކަމަށް ފާޑު ކިޔައިފައިވެއެވެ. ތޭބާސް ވިދާޅުވެފައި ވަނީ ސިޓީ އާއި ޕީއެސްޖީއަކީ ކްލަބުތަކަކަށްވުރެ ބޮޑަށް، "ދައުލަތް"ތަކެއް ކަމަށެވެ. ލަލީގާ ރައީސްގެ ވާހަކަ އެފަދަ ގޮތަކަށް ބޮޑަށް ދެކެވިފައި ވަނީ ލަލީގާގެ ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރާ ބައެއް ސުޕަ ސްޓާ ކުޅުންތެރިން، ބޮޑު އަގުގައި ޕީއެސްޖީއާއި ސިޓީން ގެންދާތީ އެވެ.

އެގޮތުން މި ހިނގާ ޓްރާންސްފާ ސީޒަނަށް ރެއާލް މެޑްރިޑުން ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ގެންދަން ހުރިހާ ކަމެއް ނިންމާފައި ވަނީކޮށް، އޭނާ ޕީއެސްޖީގައި މަޑުކުރުވީ ބޮޑު އެއްބަސްވުމެއް ދީފައެވެ. އެ އެއްބަސްވުމުގެ އަދަދުތައް މަލްޓި މިލިއަން ޕައުންޑަށް އަރައެވެ. ހަމަ އެގޮތަށް ބާސެލޯނާއިން އާލިން ހާލަންޑަށް ފާރަލަމުން ދަނިކޮށް، އޭނާގެ ރިލީސް ފީ، 51.2 މިލިއަން ޕައުންޑް ދައްކައި، ސިޓީން ވަނީ ހާލަންޑް ސޮއި ހޯދައިފައެވެ.

ލަލީގާގެ ފައިސާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އިނގިރޭސި ކްލަބުތަކާއި ޕީއެސްޖީ ފަދަ މަހުޖަނު ކްލަބުތަކުން ދަނީ ބޮޑެތި ހަރަދުތައް ކުރަމުންނެވެ. ސިޓީގެ ފައިނޭންޝިއަލް ފެއާ ޕްލޭ މައްސަލައެއް ކުރިންވެސް ބަލައި، ސިޓީއަށް ވަނީ ފިޔަވަޅުވެސް އަޅައިފައެވެ. އެހެން ނަމަވެސް އެ މައްސަލަ އިސްތިއުނާފުކޮށް، ސިޓީން ވަނީ ޗެމްޕިއަންސް ލީގަށް ކުރި ސަސްޕެންޝަނުން ސަލާމަތްވެފައެވެ.

"ލަލީގާއަށް އެނގިފައިވާ ގޮތުގައި ސިޓީއާއި ޕީއެސްޖީން އުސޫލުން ބޭރުން ފައިސާ ހަރަދުކޮށްފައިވޭ. އެއީ ޑައިރެކްޓްކޮށް ފައިސާ ކްލަބަށް އިންޖެކްޓްކޮށްގެން ނޫނީ ސްޕޮންސާޝިޕުން ލިބުނު ފައިސާއާވެސް އެކު، އެ ދެ ކްލަބުންވެސް އިކޮނޮމިކް މާކެޓަށް ބެލުމެއް ނެތި މާކެޓް ތެރޭގައި ހަރަދުތައް ކޮށްފައިވޭ،" ލަލީގާއިން ނެރުނު ބަޔާނުގައިވެއެވެ.

"ލަލީގާއިން ގަބޫލުކުރާ ގޮތުގައި އެ ދެ ކްލަބުގެ އާދަޔާހިލާފު ހަރަދުތަކުން ފުޓުބޯޅައިގެ އެކޯ ސިސްޓަމަށް ގެއްލުންތައް ކުރިމަތިވެ، ފުޓުބޯޅަ، އާއި ޖުމުލަކޮށް ޔޫރަޕްގެ ހުރިހާ ކްލަބަކާއި ލީގަށް ގެއްލުންތައް ކުރިމަތިވާނެ. އެއީ ކްލަބުތަކުން ކުރާ ހަރަދަކީ ފުޓުބޯޅައިން ވާ ފައިދާގައި ކުރެވޭ ހަރަދުތަކަށް ނުވަތީ،" ލަލީގާއިން ބުންޏެވެ.

އެ މައްސަލަތަކުގެ ވާހަކަ، އިތުރަށް ތޭބާސް މީޑިއާއަށް ތިލަކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން އަންނަ ހަފުތާ ބުރާސްފަތި ދުވަހު އެމްސްޓެޑާމްގައި އޮންނަ ޔޫރަޕިއަން ލީގުތަކުގެ މީޓިންގައި ތޭބާސް އެ ވާހަކަތައް ފާހަގަކުރާނެ ކަމަށް ބެލެވެއެވެ.